ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 88 މީހަކު ޝަހީދުކޮށްލައިފި
އަހުމަދު ޝުރާއު
1/17/2025, 1:53:37 PM
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 88 މީހަކު ޝަހީދުކޮށްލައިފި އެވެ.
ޔަހޫދީން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައިމިވަނީ 15 މަސްދުވަސްވީ ގަތުލުއާންމު ހުއްޓާލުމަށް އެއްބަސްވެސް ވެފައި ވަނިކޮށެވެ. އެގޮތުން ގަތުލުއާންމު ހުއްޓާލަން އެއްބަސްވި ފަހުން ޔަހޫދީން ޣައްޒާއަށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފައި އެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާގޮތުގައި ފާއިތުވި 14 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 88 މީހަކު ޝަހީދުކޮށްލައި 189 މީހަކު ވަނީ ޒަހަމްކޮށްލާފައި އެވެ. އަދި ގަތުލުއާންމު ހުއްޓާލަން އެއްބަސްވި ފަހުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 160 އަށްވުރެ މައްޗަށް މިހާރު ވަނީ އަރާފައި އެވެ.
މިއާއެކު ޣައްޒާގައި ހަނގުރާމައިގައި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 46,876 އަށް އަރާފައިވާއިރު، 110,642 މީހުން ޒަޚަމްވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާގެ މިނިވަންކަމަށް ހަނގުރާމަކުރަމުން އަންނަ ހަމާސް ޖަމާއަތާއި ނިރުބަވެރި އިޒްރޭލާއި ދެމެދެ ފެށި ހަނގުރާމަ ހުއްޓާލަން ދެ ފަރާތުން އެއްބަސްވެފައިވާކަން ހާމަކުރީ ރޭގެ ވަގުތެއްގައި އެވެ. އެގޮތުން މިސްރާއީ ގަތަރު އިސްވެ އޮވެ ކުރިޔަށް ގެންދިޔަ މުހިންމު މަޝްވަރާތަކުގައި ހަމާސްއާއި އިޒްރޭލުން އެއްބަސްވެފައިވަނީ ތިން މަރުހަލާ ހިމެނޭ އެއްބަސްވުމަކަށެވެ.
މި މަޝްވަރާތަކާ ބެހޭ ގޮތުން މައުލޫމާތު ދިން އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނާގޮތުގައި ފުރަތަމަ ހަ ހަފުތާގެ މަރުހަލާއެއްގައި އިސްރާއީލު ސިފައިން މަޑުމަޑުން ޣައްޒާގެ މެދުތެރެއިން ފޭބުމަށް ނިންމާފައިވާއިރު، ޣައްޒާގެ އުތުރުގެ ރައްޔިތުންނަށް އެނބުރި އެމީހުންގެ އަވަށްތަކަށް ގޮސް ވަޒަންވެރިވުމުގެ ފުރުސަތު ދޭނެ އެވެ.
ހަމާސް އިން އެ ހަ ހަފުތާގެ ތެރޭގައި އިސްރާއީލުގެ 33 މީހަކު ދޫކޮށްލާނެ ކަމަށާއި އޭގެ ތެރޭގައި ހުރިހާ އަންހެން ސިފައިންނާއި އާންމުންނާއި ކުޑަކުދިންނާއި 50 އަހަރުން މަތީގެ ފިރިހެނުން ވެސް ހިމެނޭ ކަމަށް ރޮއިޓާސް އިން ބުނެއެވެ. ހަމާސްއިން ދޫކޮށްލާ ކޮންމެ އަސީރަކަށް ފަލަސްތީނުގެ 30 ގައިދީން އަދި އިސްރާއީލު ސިފައިންގެ ކޮންމެ މީހަކަށް ފަލަސްތީނުގެ 50 ގައިދީން ދޫކޮށްލާނެ އެވެ.
ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފުރަތަމަ ފިޔަވަހީގެ 16 ވަނަ ދުވަހުގެ ކުރިން ފަށާނެ ކަމަށާއި އޭގެ ތެރޭގައި ބާކީ ތިބި އަސީރުން ދޫކޮށްލުމާއި ޣައްޒާއިން އިސްރާއީލު ސިފައިން މުޅިން ފޭބުން ހިމެނޭ ކަމަށް ބެލެވެ އެވެ.
ތިން ވަނަ ފިޔަވަހީގައި މަރުވެފައިވާ މީހުންގެ ހަށިތައް އަނބުރާ ގެނައުމާއި ޣައްޒާގައި އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށް ބެލެވޭ ކަމަށް ރޮއިޓާސް އިން ބުންޏެވެ.