އެޗްޑީސީގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފި
އަހުމަދު ޝުރާއު
12/24/2024, 11:17:24 AM
--
ފެންމަތިވެފައިވާ ގޯތީގެ ކޮރަޕްޝަން މައްސަލައާއި ގުޅިގެން ސަސްޕެންޑު ކުރި ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން, އެޗްޑީސީގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފި އެވެ.
މިކަން ހާމަކޮށް ސަރުކާރު ހިއްސާވާ ކުންުފުނިތަކުގެ ބެލެނެވެރި ފަރާތްކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު, ޕީސީބީއިން މިއަދު ބުނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް އައު މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އެޗްޑީސީގެ ބޯޑު ސަސްޕެންޑުކުރީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވަނިކޮށެވެ. އެގޮތުން އޭރުގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން ބޯޑުގެ ޗެއާޕާސަން ފިޔަވައި އެހެން ހުރިހާ ބޯޑު މެމްބަރުން ވަނީ ސަސްޕެންޑު ކޮށްފައި އެވެ. ޕީސީބީއިން އޭރު ބުނީ އެޗްޑީސީގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުން ސަސްޕެންޑް ކޮށްފައި ވަނީ ފުލުހުން ބަލަމުން އަންނަ މި މައްސަލައިގެ ތަހުގީގަށް ޖާގަދީ، ފުރިހަމަ އެހީތެރިކަން ދިނުމަށް ކަމަށެވެ.
ނަމަވެސް ސަސްޕެންޝަނުގައި ހުންނަވަނިކޮށް އެމްޑީ ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ. މިއާއި އެކު ޕީސީބީއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެޗްޑީސީގެ އެމްޑީއަކަށް ކުރީގެ ކކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އައްޔަނުކުރައްވާފައި އެވެ.
އެޗްޑީސީގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލި ނަމަވެސް ފުލުހުން ވަނީ ބޯޑު މެމްބަރުންތަކެއްގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި ކަމަށް މައުލޫމާތު ލިބެއެވެ.