އިހްސާން ފައްޔާޒަށް: ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުން ވަރަށްވެސް ޢައިރު ޒިންމާދާރު!
އަހުމަދު ޝުރާއު
11/30/2024, 3:44:35 PM
--
އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓަށް ހޯމް މިނިސްޓަރ އަލީ އިހްސާން ރައްދު ދެއްވައިފި އެވެ.
ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވާފައިވަނީ އެމްޑީޕީގެ ހަރަކާތްތަކުގެ އިސްކޮށް އުޅޭ ހުސެއިން ޝާފިއު އަށެވެ. ޝާފިއު އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާގެ އެކްސް ހޭންޑަލްއިން ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭގޮތަށް ޕޯސްޓުކޮށްފައިވާ މައްސަލައާއި ގުޅިގެން ސުވާލުކުރުމަށް ފުލުހަށް ހާޒިރުވުމަށެވެ.
މި ޗިޓުގެ ފޮޓޯއަކާއި އެކު ފައްޔާޒު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށާއި ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ ކަމަށެވެ. އަދި ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ ކަމަށާއި މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ ކަމަށެވެ.
މި ޕޯސްޓަށް ރައްދު ދެއްވައި އިހްސާން ވިދާޅުވީ ޗިޓުގައި ލިޔެފައި އޮތީ “މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!” ކަމަށާއި މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ.
" މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޙިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟ " އިހްސާން ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.އިހްސާން ވިދާޅުވީ މިސަރުކާރުގަ އެއްވެސްބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމާށާއި ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށެވެ.
އަދި ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޢައިރު ޒިންމާދާރު ކަމެއް ކަމަށް އިހްސާން ވިދާޅުވިއެވެ.