ރާއްޖޭގެ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރެންސް ފަށައިފި
އަލްފާ އަލީ
10/31/2024, 7:18:01 AM
-
ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރެންސް ފަށައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޙައްޖު އަދި ޢުމްރާގެ ޚިދުމަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި ތިން ބޭފުޅެއްގެ އަގު ވަޒަންކޮށް ލިޔުމާއި ހަނދާނީ ފިިލާ ދެއްވާފައިވެއެވެ.
މި ކޮންފަރެންސްއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިލައްވާ ދިވެހިރާއްޖެއިން މީހުން ހައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަޤުޞަދުގައި ބާއްވާ ކޮންފަރެންސްއެކެވެ.
މި ކޮންފަރެންސް އަކީ ޙައްޖ،ު ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ޙައްޖާއި ޢުމްރާގެ އަޅުކަމާއި ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް، ޢުމްރާ ކުންފުނިތަކާއި ވުޒާރާއާއި އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މަޢުލޫމާތުތައްދީ މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ކޮންފަރެންސް ރާވާލާފައިވަނީ ޙައްޖާއި ޢުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.