








އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސަންޑަލޭންޑާއި ދެކޮޅަަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ތާވަލުގެ ކުރީގައި ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ސަންޑަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފު ނިމުނީ 3-2 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ސިޓީ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސަންޑަލޭންޑަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.
އެގޮތުން މިމެޗުގައި މެންޗެސްޓާ ސިޓީގެ އެންޓޮއިން ސެމެންޔޯ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމު އެންޒޯ ފެނާންޑޭޒް، ރަޔާން ޗާކީ އަދި އެރްލިންގް ހާލަންޑް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ސަންޑަލޭންޑްގެ ތިންލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ބްރަޔަން ބްރޮބީ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެންޗެސްޓާ ސިޓީގެ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅު 15 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި މެންޗެސްޓާ ސިޓީ އޮތްއިރު މިމެޗުން ބަލިވި ސަންޑަލޭންޑުން ލީގުގައި ކުޅުނު ފަސް މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.




