
-
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާ ދެމެދު ދާއިރާތައް ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން "ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު" ގެ މައްޗަށް ދިރާސާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ދެން ސޮއިކުރެވިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކުރިއަށް ގެންދާ "ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ" ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަޤްފު ފަންޑު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމުގައެވެ.
މި ދެވަނަ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުކާއު ޢަބްދުލް ޙަކީމެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާއެވެ.
















