މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު އާސެނަލް ބޯންމައުތު އަތުން ބަލިވެއްޖެ
ހަސަން ޝަމްއޫން
10/20/2024, 6:57:32 AM
ރަޔަން ކްރިސްޓީ އާސެނަލް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ބޯންމައުތު އަތުން 2-0 ގެ ނަތީޖައަކުން ބަލިވެ ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ސައުތުހެމްޓަން އަތުން މޮޅުވެފައިވާއިރު، ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި ލެސްޓާ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ލީގުގައި ކުޅުނު މެޗު 3-0 ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލްއަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އޭޓީމުގެ ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
އާސެނަލް އިން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ބޯންމައުތުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްކޮޓްލޭންޑް މިޑްފީލްޑަރު ރަޔަން ކްރިސްޓީ އެވެ. މިއީ އެޓީމު ނެދަލޭންޑްސް ފޯވާޑް ޖަސްޓިން ކްލައިވަޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބޯންމައިތުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖަސްޓިން ކްލައިވަޓް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބޯންމައުތު ކުރީގައި އޮވެގެންނެވެ. އަދި މިއީ މިސީޒަނުގައި ލީގު މެޗެއްގައި އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު އަށް މެޗުން ބޯންމައުތަށް 11 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުނަ އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އަދި މިމެޗުން ބަލިވި އާސެނަލްއަށް އަށް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.