އިޓަލީ އާއި ބެލްޖިއަމްގެ ކުރިމަތިލުން އެއްވަރު
ހަސަން ޝަމްއޫން
10/11/2024, 5:45:37 AM
އިޓަލީއާއި ބެލްޖިއަމް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ނެޝަނަލް ލީގު ފުރަތަމަ ޑިވިޝަން ގުރޫޕް ބީގައި ރޭ އިޓަލީ އާއި ބެލްޖިއަމް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
މުބާރާތުގައި އިޓަލީ އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން އިޒްރޭލް އަތުން މޮޅުވެފައިވާއިރު، ބެލްޖިއަމް އެންމެ ފަހުން ކުޅުނު މެޗުގައި ފްރާންސް އަތުން އެޓިމު ވަނީ 2-0 ގެ ނަތީޖައަކުން ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އިޓަލީ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަންދްރޭ ކެމްބިއާސޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 24 ވަބަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މަޓެއޯ ރެޓެގުއައި އެވެ.
ދެލަނޑުގެ ލީޑަކާއެކު އިޓަލީން މެޗު ޑޮމިނޭޓްކުރަމުން ދަނިކޮށް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރީނީ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނައަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ބެލްޖިއަމް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު މެކްސިމް ޑި ކުއައިޕަރ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖައަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ބެލްޖިއަމް އިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ބްލްޖިއަމް އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖައެކު ކުޅުނު ތިން މެޗުން އިޓަލީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެޓިމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ބެލްޖިއަމްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެޓިމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ.