ފަހަތުން އަތައި ފުލަމް ބަލިކޮށް ސިޓީ އިން ފަރަގު ކުޑަކޮށްފި
ހަސަން ޝަމްއޫން
10/5/2024, 6:47:39 PM
މެންޗެސްޓާ ސިޓީ އާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން....
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީން އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް 1-1 ގެ ނަތީޖައަކުން އެއްވަރުވެފައިވާއިރު، ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުލަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އަންދަރޭސް ޕެރެއިރާ އެވެ. ނަމަވެސް އޭގެ އަށް މިނެޓުފަހުން ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް އެވެ.
ސިޓީން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދި ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކޮވަސިޗް ކާމިޔާބުކުރިއިރު، އެޓީމުން ލީޑުފުޅާކުރި ލަނޑު ފަހުހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޖެރަމީ ޑޮކޫ އެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ފުލަމް އިންވަނީ އިތުރު ލަނޑެއް ކާމިޔަބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮޑްރީގޯ މުނީޒް އެވެ
މީގެ އިތުރުން ވެސް މިމެޗުގައި ދެޓިމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ހަތް މެޗުން މެންޗެސްޓާ ސިޓީއަށް 17 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުފެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ފުލަމް ކުޅުނު ހަތް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ހަތްވަނައިގައެވެ.