މޯލްޑިވިއަން ސީޕްލޭންގެ ހިދުމަތް ޒަމާނީކޮށް ފުޅާކުރުމަށް އެމްއޭސީއެލްއާއި އެކު ޖޮއިންޓް ވެންޗާއެއް ހަދަނީ
އަހުމަދު ޝުރާއު
10/1/2024, 6:54:12 PM
--
"މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ޖޮއިންޓެވެންޗާ ކުންފުންޏެއް ހެދުމަށް ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އެގޮތުން ނިންމަވާފައި ވަނީ އައި.އޭ.އެސް.އެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2025 އެޕްރީލް 30 އަށް ނިންމެވުމަށާއި އަދި މި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށެވެ.