ސީއެޗްޑީސީ އަތުން ބަލިވެ އެމްސީސީ މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
9/4/2024, 11:00:28 AM
ސީއެޗްޑީސީ އާއި އެމްސީސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ސީގައި މިއަދު މެންދުރުފަހު ސީއެޗްޑީސީ އާއި އެމްސީސީ ވާދަކުރި މެޗު ފަސޭހަކަމާއެކު 27-12 ގެ ނަތީޖާއަކުން ސީއެޗްޑީސީ މޮޅުވިއިރު، ބާކީ އެއްމެޗު އޮއްވައި އެމްސީސީ މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގައި އެމްސީސީ ކުޅުނު ފުރަތަމަ މެޗުގައި އެސްއެސްއާރު އަތުން 14-07 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ޓީމު ޖުޑިޝަރީ އަތުން އެޓީމު ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 14-10 ގެ ނަތީޖާއަކުންނެވެ. އަދި ސީއެޗްޑީސީގެ ފުރަތަމަ މެޗުގައި ހުޅުމާލެ ހޮސްޕިޓަލާއި ވާދަކޮށް 09-29 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، މިއީ އެޓީމުގެ ދެވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސީއެޗްޑީސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 05-14 ގެ ނަތީޖާއަކުން ސީއެޗްޑީސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު މިހާފުގައި އެމްސީސީއަށް ކާމިޔާބުކުރެވުނީ ހަތް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްޑީސީގެ ޒުލޭހާ އިބްރާހިމް އެވެ.
ނަތީޖާއެކު ކުޅުނު ދެމެޗުން ސީއެޗްޑީސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެމްސީސީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.