ހާލަންޑްގެ ހެޓްރިކާއެކު އިޕްސްވިޗް އަތުން ސިޓީއަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
8/24/2024, 3:57:11 PM
މެންޗެސްޓާ ސިޓީއާއި އިޕްސްވިޗް ވާދަކުރި މެޗުގެ ތެރެއިން..
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އިޕްސްވިޗާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، އިޕްސްވިޗްގެ ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ ފުރަތަމަ ހާފުގައި ގިނަބަޔަކު ހައިރާންކޮށްލުމަށްފަހު، ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިޕްސްވިޗް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީނުގެ އަޔަލޭންޑް މިޑްފީލްޑަރު ސެމީ ސްމޮޑިކްސް އެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ބެންޖަމީން ޖޯންސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ފަސް މިނެޓުފަހުން މެންޗެސްޓާ ސިޓީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ހާލަންޑް ކާމިޔާބުކުރިއިރު، އޭގެ ދެމިނެޓުފަހުން އިޕްސްވިޗްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަފައި ސިޓީއަށް ލީޑު ހޯދައިދިނީ ކެޕްޓަން ކެވިން ޑިބްރެއިނާ އެވެ. އަދި އޭގެ ދެމިނެޓް ފަހުން ޑިބްރެއިނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ސިޓީން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ޑިބްރޭނާ އަދި ރިކޯ ލުވިސް ފޮނުވާލި ހަމަލާތައް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތިޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސިޓީއިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި އެޓީމަށް ލަނޑުޖަހާނެ މާރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިނަތީޖާއަކު ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ތާވަލުގެ އެއްވަނާގައި ސިޓީ އޮތްއިރު، މިމެޗުން ބަލިވި އިޕްސްވިޗް ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 19 ވަނައިގައެވެ.