ހާލަންޑްގެ ހެޓްރިކާއެކު ޗެލްސީ އަތުން ސިޓީއަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
8/4/2024, 2:06:06 AM
ހާލަންޑް ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ފަސޭހަކަމާއެކު 4-2 ގެނަތީޖާއަކުން ސިޓީން ކާމިޔާބުކޮށްފިއެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓާ ސިޓީ ސެލްޓިކް، އޭސީ މިލާން އަދި ބާސެލޯނާއި ދެކޮޅަށް ކުޅުނު މެޗުތަކުން އެޓީމު ބަލިވެފައިވާއިރު، ޗެލްސީ އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި މެކްސިކޯގެ ކުލަބު އެމެރިކާ އަތުން މޮޅުވި ނަމަވެސް ސެލްޓިކާއި ދެކޮޅަށް ކުޅުނު މެޗުން ބޮޑު ތަފާތަކުން ބަލިވިއިރު، ވޭލްސްގެ ވެކްސްހަމް އާއި ދޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ފަސްމިނެޓް ތެރޭގައި ސިޓީން ދެލަނޑުގެ ލީޑެއް ހޯދިއިރު، މިދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފާއިތުވެދިޔަ ދެސީޒަނުގެ ޕްރެމިއާ ލީގު ޓޮޕް ސްކޯރާ، އެރްލިންގ ހަލާންޑް އެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރިއިރު، ދެވަނަ ލަނޑަކީ އޭގެ ތިން މިނެޓް ފަހުން ޗެލްސީގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ސިޓީގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިގެން 10 މިނެޓުގައި ޒުވާން މިޑްފީލްޑަރު އޮސްކާ ބޮބް ކާމިޔާބުކުރިއިރު، އޭގެ މިނެޓެއް ފަހުން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
ނަމަވެސް އޭގެ ތިންމިނެޓް ފަހުން ޗެލްސީން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބާކާރު ފޯވާޑް ރަހީމް ސްޓާލިންގް އެވެ. އަދި ޗެލްސީން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗު ނިމެން މިނެޓެކަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ނޯނީ މަޑުއެކޭ އެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީން އެކުވެރިކަމުގެ އިތުރު ދެމެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ހަތްވަނަ ދުވަހު އެޓީމުން ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުމަށްފަހު ޕްރީސީޒަން ފަހު މެޗުގައި މިމަހުގެ 11ވަނަ ދުވަހު އެޓީމުން ނުކުންނާނީ އިންޓަ މިލާނާއި ދެކޮޅަށެވެ.
މީގެ އިތުރުން ސިޓީން ޕްރީސީޒަން ނިންމާލިއިރު، މިމަހުގެ 10 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުގައި އެޓީމު ނުކުންނާނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.