logoEN
Sto top
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް 58 ވެހިކަލް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް 58 ވެހިކަލް ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

7/14/2024, 9:45:52 AM

# ދިވެހި ފުލުހުންގެ ޙިދުމަތް# ރާއްޖެ - ޖަޕާން

--

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެއްގަމު އުޅަނދު ހަދިޔާކޮށްފިއެވެ.

Wamco

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު ހަދިޔާކޮށްފައިވަނީ 54 ކާރާއި ހަތަރު ވޭންއެވެ. މީގެކުރިން ވެސް ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ. އެތަކެތީގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޢަލީ ޝުޖާއު ވިދާޅުވީ މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަންޖެހިފައިވާ ކަަމަށެވެ. އަދިި އެކަންކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްގެންކަމަށާއި ޖަޕާނު ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކާއެކު ފުލުހުންގެ މި މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުުރުން، ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާން ސަފީރު ވިދާޅުވީ، މީ ޖަޕާނު ސަރުކާރުން ލޯ އެންފޯސްމެންޓަށް ސަޕޯޓުދޭން ބޭނުންވާކަމުގެ ހެއްކެއްކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ފަސޭހަވާނެކަމަށެވެ. އެގޮތުން ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައް ވެސް ޖަޕާނު ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. .އެގޮތުން މެޓަލް ޑިޓެކްޓަރ، ލޭސަރަރ، ޕެސެންޖަރ ކްރާފްޓު އަދި ރަބަރ ބޯޓު ފަދަ ތަކެތި ހަދިޔާކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ

ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ފިލައާ ހަވާލުވެލެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside