މީގެ ކުރިން ރާއްޖޭގައި ބޭއްވި ބައި އިލެކްޝަންތަކެއް
ކައުންސިލްތަކަށާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެއް އަންނަ ޖުލައި މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 10 ބައި-އިލެކްޝަނެއް އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އެވެ.
އެގޮތުން ބޭއްވުމަށް ނިންމާފައިވާ ބައިއިލެކްޝަން ތަކަކީ ޅ. އަތޮޅު ކައުންސިލްގެ ރައީސް، ފ. ބިލެތްދޫ ކައުންސިލްގެ ރައީސް، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރު (ކުޅުދުއްފުށި އުތުރު ދާއިރާ)، ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހުޅުމާލެ ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މައްޗަންގޮޅި މެދު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ހުޅަނގު ދާއިރާ) އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު, ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުގެ އިތުރުން ފ. ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އިންތިހާބުކުރުމުގެ ބައި އެލެކްޝަންތަކެވެ.
އީސީން ބުނި ގޮތުގައި މި ބައި އިލެކްޝަންތަކުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 14 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.
ބައިއިލެކްޝަން ބާއްވަން ނިންމާފައިވާ ދާއިރާތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގެ މެމްބަރުން އިންތިހާބުކުރަން ޖެހުނީ އެދާއިރާތަކުގެ މެމްބަރުކަން ކުރެއްވި ކައުންސިލަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ މިދިޔަ އަންގާރަ ދުވަހު ހުވާކުރެއްވުމާއި ގުޅިގެންނެވެ.
ގާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވަން ޖެހެ އެވެ.