ޓޮޓެންހަމް އަތުން އާސެނަލްއަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
4/29/2024, 12:15:51 AM
އާސެނަލްގެ ކުޅުންތެރިން ޓޮޓެންހަމް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން އާސެނަލް އިން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޓޮޓެންހަމް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އާސެނަލް އިންނެވެ. މިލަނޑަކީ އާސެނަލްއަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ފޯވާޑް ބަކަޔޯ ސަކާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެތެރޭގައި ޓޮޓެންހަމްގެ ޑެންމާކް ޑިފެންޑަރު ޕިއެރޭ - އެމިލް ހޯބްޖަރގް ބޮލުގައިޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ޓޮޓެންހަމް އިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި އޭގެ ފަސް މިނެޓުފަހުން އާސެނަލް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީދު ފުޅާކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާ އެވެ. މިއީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހަވާޓްޒް ތަނަވަސްކޮދިން ފުރުސަތެއްގައި ބޯޅަ އާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި އާސެނަލް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކައި ހާވަޓްޒް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފީލްޑަރު ރައިސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތަށް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 64 ވަނަ މިނެޓުފައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު ކްރިސްޓިއަން ގެބްރިއަލް ރޮމޭރޯ އެވެ.
މިއީ އާސެނަލްގެ ކީޕަރު ރަޔާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 87 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުތު ކޮރެއާ ފޯވާޑް ހިއުން މިންގް ސޮން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖައަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 35 މެޗުން އާސެނަލްއަށް 80 ޕޮއިންޓް ލިބިފައިވައިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 60 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސް ވަނައިގައެވެ.