logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު ލިއޯން ބަލިކޮށް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯފައިފި

ވާދަވެރި ކުޅުމަކަށްފަހު ލިއޯން ބަލިކޮށް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯފައިފި

ހަސަން ޝަމްއޫން

logo

4/17/2025, 10:45:26 PM

# މެންޗެސްޓަރ ޔުނައިޓެޑް# ލިއޯން# ޔުއެފާ ޔޫރޮޕާ ލީގު # ބޭރު ދުނިޔޭގެ ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑާއި ލިއޯން ވާދަކުރި މެޗުގެ ތެރެއިން...

ޔުއެފާ ޔުރޮޕާ ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-4 ގެ ނަތީޖާއަކުން ލިއޯން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މިދެޓީމު ލިއޯންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯދީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މިމެޗަކީ ޔޫރަޕްގެ ކުލަބު ފުޓްބޯޅަ މުބާރާތެއްގައި ފަހުގެ ތާރީޚެއްގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއްމެޗެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ.

މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މެނުއެލް އުގާޓޭ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑިފެންޑަރު ޑަލޮޓް ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި މިޑްފީލްޑަރު ކޮރަންޓީން ޓޮލީސޯ ކާމިޔާބުކުރި ލަނޑާއެކު ލިއޯން އިން ފަރަގު ކުޑަކުރިއިރު، އޭގެ ހަތް މިނެޓް ފަހުން ޑިފެންޑަރު ނިކޮލަސް ޓަގްލިއާފިކޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވެރުވެފައި ވަނިކޮށް ލިއޯނަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފަހުހާފުގެ 89 ވަނަ މިނެޓުގައި އެޓީމުގެ މިޑްފީލްޑަރު ކޮރަންޓީން ޓޮލީސޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އަދި މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު، 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުމައްޓަކައި އިތުރު ވަގުތު 15 މިނެޓުގެ ދެހާފު ވަނީ ކުޅެފައެވެ. އަދި 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ލިޔޯން އިން ވަނީ މެޗުގެ 105 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރާޔަން ޗާރކީ އެވެ. އަދި 110 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވާޑް އެލެގްޒެންޑަރ ލަކަޒެޓޭ ކާމިޔާބުކުރި ލަނޑާއެކު ލިއޯން އިން ދެލަނޑުގެ ލީޑެއް ހޯދިއެވެ.

ނަމަވެސް މެޗުގެ 114 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ބުރޫނޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑާއެކު ޔުނައިޓެޑުން ފަރަގު ކުޑަކުރިއެވެ. އަދި 120 ވަނަ މިނެޓުގައި ކޮބީ މައިނޫ ކާމިޔާބުކުރި ލަނޑާއެކު ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރިއިރު، އެޓީމު މޮޅުވި ލަނޑު 121 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެރީ މެގުއާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside