
އެސްޓަން ވިލާ ކަޓުވާލުމަށް ފަހު ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އެސްޓަން ވިލާ # ޕީއެސްޖީ# ޔުއެފާ ޗެންޕިއަންސް ލީގުޕީއެސްޖީ އާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން
ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޕީއެސްޖީ އިން ކަށަވަރުކޮށްފިއެވެ.

މިދެޓީމުގެ މެޗުގައި ކުޅެވުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކުރިއިރު، އެޓީމު ސެމީފައިނަލުން ޖާގަ ހޯދީ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން އެސްޓަން ވިލާ ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަޗްރަފް ހަކީމީ އެވެ. އަދި އޭގެ 16 މިނެޓުފަހުން ޑިފެންޑަރު ނޫނޯ މެންޑޭސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
އެސްޓަން ވިލާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޔޫރީ ޓިލަމަންސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެސްޓަން ވިލާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި އެޓިމުން ވަނި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޯން މެގިން އެވެ. އަދި އޭގެ ދެ މިނެޓުފަހުން އެޓީމުގެ ޑިފެންޑަރު އެޒްރީ ކޮންސާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ލިއޯން ބަލިކޮށް ޔުނައިޓެޑް ސެމީފައިނަލުން ޖާގަ ހޯފައިފި

ޔޫރަޕްގެ ޗެންޕިއަން ރެއާލް ކަޓުވާލުމަށްފަހު އާސެނަލް ސެމީފައިނަލުން ޖާގަ ހޯދައިފި

އެސްޓަން ވިލާ ކަޓުވާލުމަށް ފަހު ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި
