
--
މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ރައްޔިތުންނަށް، 50 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަސައްކަތްތެރިކާމާއި ފަންނީ ތަމްރީނު ހޯދުމަށް ތަފާތު ހަ ދާއިރާ އަކުން ހުޅުވާލި މި ފުރުޞަތުތަކަކީ މާލެ ސިޓީ ކައުންސިލާއި، ސްޓްރޯންގް ސިޓީސް ސައުތު އޭޝިއާ ރީޖަނަލް ހަބާ އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން މާލެ ސިޓީ ކައުންސިލުން ހޯދާފައިވާ ފުރުޞަތުތަކެކެވެ.
15 އޭޕްރިލް 2025 ވަނަ ދުވަހު ހުޅުވައިލައިފައިވާ މި ސްކޮލަރޝިޕް ފުރުޞަތު ތަކުގެ ތެރޭގައި، ޞިއްޚީ ދާއިރާއާއި، އިމާރާތް ކުރުމާއި، އިންޖެނިއަރިންގެ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން، އައިޓީ އަދި ޑިޖިޓަލް ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ވެސް ވިޔަފާރީގެ ދާއިރާއާއި ހޮސްޕިޓަލިޓީ އަދި ކަސްޓަމަރ ކެއަރ ގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ފުރުޞަތު ހުޅުވާލާފައިވެއެވެ.
3 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްތައް އޮންނާނީ ޕާކިސްތާނުގައެވެ. މި ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކަށް، މާލެއިން ޕާކިސްތާނަށް ދިއުމުގެ ދަތުރު ޚަރާދާއި، ހުރުމާއި ކެއުން އަދި ކޯސް ފީ ލިބިގެންދާނެއެވެ.
މި ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި އޯލެވެލް ނަތީޖާގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއު އިން ލިބޭ ނަތީޖާއަށް ބެލެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ހަމަކޮށްފައެވެ.
މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ، 20 އޭޕްރިލް 2025 ވަނަ ދުވަހެވެ.
ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މަޢުލޫމާތު، މާލެ ސިޓީ ކައުންސިލުންގެ ގެޒެޓްގައި ޝައިޢުކޮށްފައިވާ އިޢުލާންތަކުން ނުވަތަ، 1622 އަށް ގުޅުއްވައިގެން ލިބޭނެއެވެ.
ގުޅުންހުރި

މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

މާލެއާއި ވިލިމާލެއިން ކޮންމެ ދުވަހަކު 30 ޓަނަށް ވުރެ ގިނަ ކުނި ނެގޭ: ޢާޒިމް

ހަނި ގޯޅިތަކުގައި މަގު ބައްތި ޖަހައި އަލިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
