އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު އުދިނޭޒީ ބަލިކޮށް އިންޓަ މިލާނުން ލީޑު ފުޅާކޮށްފި
ހަސަން ޝަމްއޫން
4/9/2024, 3:30:48 AM
ފަހުވަގުތު އުދިނޭޒީ ބަލިކުރުމަށްފަހު އިންޓަ މިލާންގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިޓާލިއަން ސެރިއޭގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި އުދިނޭޒީ އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ އިންޓަ މިލާނުން ލީގު ތާވަލުގެ ކުރީގައި ބިޑު ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައިި އިންޓަ މިލާންގެ ތުރުކީ މިޑްފީލްޑަރު ހަކާން ޗަނަލޮލޫ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، އުދިނޭޒީ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ލަޒާރު ސަމަރްދްޒިކް އެވެ. މިއީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ރޮބާޓޯ ޕެރޭރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އުދިނޭޒީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އިންޓަ މިލާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކާލޯސް އަގަސްޓޯ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
އިންޓަ މިލާނުން މެޗު ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ތުރުކީގެ މިޑްފީލްޑަރު ހަކާން ޗަނަލޮލޫ އެވެ. އަދި މިލަނޑާއެކު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެ މެޗު ނިމެން ދަނިކޮށް ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިންޓަ މިލާނަށް ފުރަތަަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދައިދިނީ އެޓީމުގެ އިޓަލީ މިޑްފީލްޑަރު ޑޭވިޑް ފްރެއްޓަސީ އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 31 މެޗުން އިންޓަ މިލާނަށް 82 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ 14 ޕޮއިންޓުގެ ލީޑަކާއި އެކު ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އުދިނޭޒީ އިން ލީގުގައި ކުޅުނު 31 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.