އެމްޑީޕީ އާއި ޑިމޮކްރެޓްސް މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
އަލްފާ އަލީ
2/3/2024, 5:10:15 AM
އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ ---ފޮޓޯ| އެމްޑީޕީ
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެއެވެ.
އެމްޑީޕީން ބުނެފައިވަނީ، އެ ޕާޓީގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަަށެވެ. މި ޕްރައިމަރީގައި މާލޭގައި ބެހެއްޓޭ ހުރިހާ ފޮއްޓެއް ވެސް ބަހައްޓާފައިވަނީ ޖަމަލުއްދީން ސްކޫލްގައެވެ. އަދި ހުޅުމާލޭގެ ތިން ދާއިރާއެއްގެ ވޯޓުފޮށި ހުންނައިރު، ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށި ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ ކާމިލް ދީދީ ސްކޫލުގައެވެ. ބާކީ ހުރި ދެ ފޮށި ހުންނާނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލުގައެވެ.
އަދި އެހެނިހެން ރަށްރަށުގެ ވޯޓުފޮށިތައް އެރަށެއްގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ވަނީ ބެހެއްޓިފައެވެ. އެމްޑީޕީން ބުނެފައިވާގޮތުގައި މާލެގެ އިތުރުން 95 ރަށެއްގައި27 ވޯޓް ފޮށި ވަނީ ބަހައްޓާފައެވެ. މި ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރެއެވެ.
ޑިމޮކްރެޓްސްއިން މަޖިލިސް ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށް އެޕާޓީން ބުނެއެވެ. އެ ޕާޓީގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ހެންވޭރު ދެކުނު ދާއިރާ ހައުސް އޮފް ޑިމޮކްރެޓްސް (ހަރުގެ) އާއި މާލެ އާއި ހުޅުމާލެ ދެކުނު ދާއިރާ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް (ގޭޓް 3، ގުލްޗަމްޕާ މަގު)، ހުޅުމާލެގައެވެ.
ދަ ޑިމޮކްރެޓްސް ޓިކެޓުގައި ކުރިމަތިލާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ ފަސް ދާއިރާއެއްގައެވެ. އެޕާޓީގެ ޓިކެޓް ހޯދުމަށް ހުށަހަޅާފައިވަނީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންނެވެ. އޭގެތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެނުންކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.
މި ދެޕާޓީގައިވެސް ޕްރައިމަރީއާ ނުލައި ބައެއް ބޭފުޅުންނަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ. އެއީ އެދާއިރާއަށް އެޕާޓީގެ ފަރާތުން އެންމެ ބޭފުޅަކު ކުރިމަތިލާފައިވާތީއެވެ.
އަންނަ މާރިޗް މަހު 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައު 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ.