ރަށުން ބޭރުގައި ސްޓްރަސްބާގް އަތުން މޮޅުވެ އެއްވަނައިގައި ޕީއެސްޖީން ލީޑު ފުޅާކޮށްފި
ހަސަން ޝަމްއޫން
2/2/2024, 10:11:43 PM
ސްޓްރަސްބާގް އާއި ޕީއެސްޖީ ވާދަކުރި މެޗަށްފަހު ޕީއެސްޖީގެ ބައެއް ކުޅުންތެރިން ދަނޑުމަތީގައި
ފްރާންސް ލީގު1 ގައި ހުކުރުދުވަހުގެ ރޭ ރަށުން ބޭރުގައި ސްޓްރަސްބާގް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން ޕީއެސްޖީ އިން ލީގު ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަަމަ މިނެޓުގައި ސްޓްރަސްބާގް ގެ އައިވަރީ ކޯސްޓު ފޯވާޑް މޮއިސް ސާހީ ޑިއޯން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާ ޕީއެސްޖީގެ ކީޕަރު ޑޮނަރުއްމާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން މެޗުގެ ލީޑު ނެގުމަށް ޕީއެސްޖީ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ޕީއެސްޖީގެ ފޯވާޑް އެމްބާޕޭ ކުރިއަށް ފޮނުވާލި ޕެނަލްޓީ ސްޓްރަސްބާގް ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި ސްޓްރަސްބާގް ގެ ފޯވާޑް މޮއިސް ސާހީ ޑިއޯން ކުރިއަށް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޕީއެސްޖީ އިން މިމެޗުގައި ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ޕީއެސްޖީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އަސެންސިއޯ އެވެ.
ސްޓްރަސްބާގް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑައިލިން ބަކުވާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން ޕީއެސްޖީއަށް 47 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ސްޓްރަސްބާގް އިން ލީގުގައި ކުޅުނު 20 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.