ބާސެލޯނާ ގެ ދަނޑުގައި ވިލަރެއާލް އިން އެޓީމު ކޮޅަށް 5 ލަނޑު ޖަހައިފި
ހަސަން ޝަމްއޫން
1/28/2024, 1:00:00 AM
ވިލަރެއާލްގެ ކުޅުންތެރިން ބާސެލޯނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ އިން ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުން 5-3 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެ އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ވިލަރެއާލް އިން ކަމިޔާބުކުރި ދެ ލަނޑެއް ވިީއޭއާރުން ބެލުމަށްފަހު ރެފްރީ ކެންސަލް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިލަރެއާލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ޖެރާޑް މޮރޭނޯ އެވެ
މިހާފުގައި ބާސެލޯނާ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވިލަރެއާލްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވިލަރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން 9 ވަނަ މިނެޓުގައި ވިލަރެއާލްގެ މޮރޮކޯ ފީޯވާޑް އިލިއަސް އަޚްމަޗް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް ބާސެލޯނާ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ލެވަންޑޮވްސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުންޑޮގާން ކާމިޔާބުކުރި އިރު، އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޕެޑްރީ އެވެ.
މިމެޗުގައި ބާސެލޯނާ އިން ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑަކީ ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ވިލަރެއާލްގެ ޑިފެންޑަރު އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ވިލަރެއާލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕީޯޗުގަލް ފޯވާޑް ގޮންކަލޯ ގުއެޑާސް އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ އެލެގްޒެންޑަރ ސޮރުލޯތް އާއި ހޯސޭ ލުއިސް މޮރާލޭސް ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-3 ގެ ނަތީޖާއަކުން ވިލަރެއާލް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 22 މެޗުން ވިލަރެއާލް އަށް 23 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާ އަށް 21 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ.