
ސިހުރުގެ މައްސަލައިގައި ޚަބަރު އޮންލައިން އަށް އެއްވެސް މައުލޫމާތެއް ނުދެން - ސައުދު އަލީ
# ގދ.ތިނަދޫSaud Ali
ގދ. ތިނަދޫ ސަހަރާތެރޭގައި ބަޔަކު ސިހުރު ހަދަން ތިއްބާ ފެނިފައިވާ މައްސަަލައާ ގުޅިގެން "ޚަބަރު އޮންލައިން" ކިޔާ ނޫހަކަށް އެއްވެސް އިންޓަރވިއުއެއް ދީފައި ނުވާނެ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، ތިނަދޫ ސަހަރާގައި ސިހުރު ހަދަން ބަޔަކު ތިބި ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން "ގާފު" އިން އެކަމުގެ މައުލޫމާތު ހޯދުމަށްފަހު ގެނެސްދިން ހަބަރަކާއި ގުޅިގެން، އެކަން ދޮގުކޮށް ކަމުގެ ހަގީގަތް އޮޅުވާލައި "ޚަބަރު އޮންލައިން" ކިޔާ ނޫހަކުން ގެނެސްދީފައިވާ ހަބަރަކާއި ގުޅިގެން ގިނަ ބަޔަކު ތިނަދޫ ރައީސް ސައުދުއާ އެކަމާ ގުޅިގެން ސުވާލުކުރުމުންނެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި، "މި ކަމާއިގުުޅޭގޮތުން، ބައެއް މީޑިއާތަކުން ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ އާއި ސުވާލުކުރުމުން އޭނާ ވިދާޅުވެފައިވަނީ، އެފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ރަސްމީ ސިފައެއްގައިވެސް އަދި ނުރަސްމީ ސިފައެއްގައިވެސް ކައުންސިލަށް ލިބިފައިނުވާ ކަމުގައެވެ. އަދި އެފަދަ ކަމަކާއި ގުޅޭ މައްސަލައެއް ފުލުހުންގެ ފަރާތުންވެސް ރަސްމީ ސިފައެއްގައިވެސް އަދި ނުރަސްމީ ސިފައެއްގައިވެސް ކައުންސިލަށް ހިއްސާކޮށްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ."
އަދި " ތިނަދޫ ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ޝަރުޢީ ރުޤްޔާގެ ގޮތުގައި ކުރާ ކަންތަކެއް ހުންނާނެ ކަމަށާއި، ލޮލަށް ފެންނަ ކޮންމެ ކަމަކީ ފަންޑިތަ ސިހުރުކަމަށް ހަދައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ފެތުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމުގައެވެ. އަދި އެއީ އޭގެ ސަބަބުން މުޖުތަމަޢުގެެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭނެ ކަންތައްތަކެއް ކަންވެސް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ."
އޭގެ އިތުރުން " ތިނަދޫ ކައުންސިލް ރައީސް ގަބުރުސްތާނަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަވެސް އޭނާ ވަނީ ދޮގު ކުރައްވާފައެވެ. އެހެންކަމުން އެފަދަ ވާހަކަތައް ނޫސްތަކުންވެސް އަދި އަމިއްލަ ފަރުދުންވެސް ނުފެތުރުމަށްވެސް ކައުންސިލް ރައީސް ސައުދު ނަސޭހަތްތެރިވެފައި ވެއެވެ." - ޚަބަރު އޮންލައިން ކިޔާ ނޫހުން ގެނެސްދީފައިވާ ޚަބަރުގައި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވި ކަމަށް ބުނެ ލިޔެފައިވެއެވެ.
މިކަމާއި ގުޅިގެން ސައުދު ވިދާޅުވީ، "މިހާރު ބަހުސް ކުރެވެމުންދާ "ސިހުރު ހެދިކަމަށް ބުނާ" މައްސަލާގައި "ޚަބަރު އޮންލައިން" އަށް އެއްވެސް އިންޓަރވިއުއެއް ދީފައެއް ނުވާނެ." ކަމަށެވެ.
ޚަބަރު އޮންލައިން އިން އެގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެއްވެސް މީޑިއާއަކުންވެސް އެކަމާ ގުޅިގެން އެގޮތަށް ތިނަދޫ ކައުންސިލްގެ ރައީސްގެ ބަހެއް ހޯދައި ޚަބަރެއް ޝާޢިއުކޮށްފައިނުވެއެވެ. އަދި "ޚަބަރު އޮންލައިން" ކިޔާ ނޫހުގައި އެގޮތަށް ބުނެފައި އޮތުމުން "ގާފު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައުދު އަލީ ވިދާޅުވީ، އެކަމާއި ގުޅިގެން ރާއްޖޭގައި ހިނގާ އެއްވެސް ނޫހަކަށް ރަސްމީ ސިފައެއްގައި އިންޓަރވިއުއެއް ދީފައި ނުވާނެ ކަމަށެވެ. އަދި ޙަބަރު އޮންލައިން ކިޔާ ނޫހެއް ނުުވެސް ދަންނަކަމަށް ވެސް ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވެ.
ތިނަދޫ ސަހަރާތެރޭގައި ސިހުރު ހަދަން ބަޔަކު ތިބި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އެފަދަ މައުލޫމާތެއް ލިބުމުން "ގާފު" އިން އެކަމާ ގުޅިގެން މައުލޫމާތު ހޯދައި އެތަނަށް އެވަގުތު ހާޒިރުވެތިބި ބައެއް މީހުންނާ ސުވާލުކުރުމުން ވަނީ އެކަން ހިނގައިދިޔަ ގޮތާއި އެތަނުން އެމީހުންނަށް އެވަގުތު ފެނުނު މަންޒަރުތައް ކިޔައިދީފައެވެ.
އެގޮތުން ދާދި ފަހުން ތިނަދޫގައި ނިޔާވި މީހެއްގެ މަހާނަ ކައިރީގައި މީހަކު ރޭގަނޑުގެ ވަގުތެއްގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެން އެތަނަށް ދިޔަ މިހާ ކިޔައިދިން ގޮތުގައި މަހާނައަށް ފެން އަޅާފައިހުރި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެތަނުގައި ހުރި މީހާގެ އަތުން "ސިހުރު ހަދާ ކަމަށް ބެލެވޭ ތަކެތި" ފެނިފައިވާ ކަމަށެވެ.
އަދި އެވަގުތު އެތާ ކައިރިން އުނދައްޔެއްވެސް ފެނިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ސުވާލު ކުރުމުން އެއީ އެތަނުގައި އެވަގުތު ހުރި މީހާގެ އެއްޗެއް ނޫން ކަމަށް އެންމެ ފުރަތަމަ ބުނެފައިވެއެވެ. އަދި އެއީ ސަހަރާގެ ބޭނުމަށް ގެންގުޅޭ އެއްޗެއް ކަމަށާއި އޭނާ އެތަނަށް ދިޔައިރުވެސް އޮތް އެއްޗެއް ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެ އުނދައްޔަކީ ތިނަދޫ ކައުންސިލާއި އަދި ސަހަރާގައިވެސް ބޭނުންކުރާ އެއްޗެއް ނޫން ކަން "ގާފު" އިން ބެލި ބެލުމުން ވަނީ އެނގިފައެވެ. އަދި ރުގްޔާ ކުރަން ކަމަށްބުނެ އެތަނަށް ވަދެފައިވަނީ ތިނަދޫ ކައުންސިލްގެ އަދި ސަހަރާގެ ކަންތަކާ ތިނަދޫ ކައުންސިލްގެ ފަރާތުން ހަވާލުވެގެން ހުންނަ މީހާގެ ހުއްދައެއް ހޯދައި ނުވަތަ އެކަމާއި ގުޅިގެން އެއްވެސް ގޮތަކަށް އަންގާފައިނުވާކަންވެސް "ގާފު" އަށް ވަނީ ކަށަވަރުވެފައެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހާ މިސްކިތުގައި ހުއްޓާ ފެނިއްޖެ
