
Fiu8bp8agAAJXhK
އިންޑިއާއިން ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 100 މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މި އެހީ ފޯރުކޮށްދިނުމުގެ ރަމްޒީ ޗެކު ދިވެހި ސަރުކާރާއި ޙަވާލުކޮށްދެއްވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނު މަހާވަރާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީ.އީ.އޯ ޑޯރާބާބޫ ޑަޕަރްތީއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާއި ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ވަނީ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންފައެވެ.
އިންޑިއާގެ ސަރުކާރުން ފޯރުކޮށްދިން މި އެހީއަކީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެތެރެއިން ހަމަޖެހުނު އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސް.ބީ.އައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ. އަދި އިންޑިއާއިން މި އެހީ ދީފައިވަނީ އެއްވެސް ޝަރުތަކާއިނުލާ، ސަރުކާރަށް ފެންނަ ގޮތުގައި އިސްކަންދީގެން ޤައުމަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ޙަރަދުކުރުމަށެވެ. މި ފައިސާގެ އެހީއަށް އިންޑިއާއިން ވަނީ އެސް.ބީ.އައިއަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިއެވެ.












