








ފޯޅަވަހީގެ މައްސަލައިގައި އެކުލަވާލި ކޮމިޝަނުގެ ރައީސަކަށް ޑރ. ޢަބްދުލްމުޙްސިން ހަމަޖައްސައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާ ކޮމިޝަނެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާާރެއްގެ ދަށުން އުފައްދަވާފައިވާ މި ކޮމިޝަނަކީ ރާއްޖެއާ ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާތީ އެކަން ތަހުގީގުކުރުމަށް އެކުލަވާލެއްވި ކޮމިޝަނެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައި އެމަނިކުފާނު އުފައްދަވާފައިވާ މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ ކަނޑުގެ އިމުގެ މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނެ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަޙައްދެއް ގެއްލިގެން ދިޔައީ، ރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އަޅަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ.
ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ކޮމިޝަނަށް ބަދަލުތަކެއް ގެންނަވާފައިވާއިރު، މި ކޮމިޝަނުގައި ކުރިން ތިއްބެވި ބޭފުޅުންނަށް ބަދަލުގެންނަވައި ކޮމިޝަނަށް ދެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެގޮތުން ކޮމިޝަނުގެ ރައީސްގެ މަޤާމަށް ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު ވަނީ އައްޔަން ކުރައްވާފައެވެ. އެ މަޤާމުގައި ކުރިން ހުންނެވީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރުއެވެ.
- ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު- ކެޕްޓަން އަޙްމަދު ޒުބައިރު- ޑރ. އާމިނަތު ޝާފިޔާ އާދަމް- ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް- އަޙްމަދު ޢަލީމަނިކު- އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު- އަލްއުސްތާޛާ އާއިޝަތު ފަޒްނާ އަޙްމަދު
މި ކޮމިޝަނަކީ، ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.








