
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ކާނިވާ 44' މާދަމާ، 11 ނޮވެންބަރުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކާނިވަލުގައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވިޔަފާރިކުރުމާއި އާއިލީ ގުޅުން ބަދަހިކުރެވޭނެ ތަފާތު ހަރަކާތްތައް ހިމެނޭނެއެވެ.
މި އަހަރުގެ ކާނިވަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. އިނާމުތަކުގެ ތެރޭގައި 5 މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލު ހިމެނެއެވެ. ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ނޮވެންބަރު 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.
ނޮވެންބަރު 11 އިން 14 އަށް ކުރިއަށްދާ މި ކާނިވާގައި އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކުގެ އިތުރުން، ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ހިމެނޭނެއެވެ. ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.
















