








ދިރިއުޅުމުގެ އަސާސީ އެއް ބޭނުން ކަމުގައިވާ ބޯހިޔާވަހިކަމަކީ ޒަމާނުއްސުރެ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިދިޔަ ސަރުކާރުގެ ދުވަސްވަރު ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެ 3، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކުރެވުނު ނަމަވެސް، އެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ އެކަށީގެންވާ ވަރަށް ބިން ނުހިއްކައި ކަމަށްވުމުން، ގޯތިތައް ހަވާލުކުރުމާއި އެތަންތަނުގައި އާބާދުވުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންނަމަވެސް، މި ސަރުކާރުން މިހާރު އިސްކަންދެމުންދަނީ އެ ގޯތިތަކުގައި ރައްޔިތުންނަށް އާބާދުވެވޭނެ ހަގީގީ މަގެއް ތަނަވަސްކޮށްދިނުމަށެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ބިންތައް ހިއްކުމާއި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭތޯ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ހުޅުމާލެ 3 އާއި ގުޅިފަޅު ހިއްކައި، އެ ދެ ތަނުގެ ގޯތިތައް ގާތްގަނޑަކަށް ހަވާލުކުރެވިފައިވާ ކަމަށާއި، އެޗްޑީސީ މެދުވެރިކޮށް ގޯތިތަކުގެ ވަށާފާރު ރޭނުމާއި އެހެނިހެން ކަންކަމުގެ ހުއްދަ ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަކީ ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މީގެ ތެރެއިން މިދިޔަ ސަރުކާރުން ގޯތި ދޫކުރިއިރު ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީން އޮފް ނެދަލޭންޑްސް" އަދި "އޮރެންޖް" ޑްރެޖަރު ބޭނުންކޮށްގެން ހަލުވި ދުވެލީގައި މަސައްކަތް ކުރިއަށްދަނިކޮށް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން މަސައްކަތް ވަގުތީ ގޮތުން މެދުކެނޑުނެވެ. ނަމަވެސް މިހާރު އެ މަސައްކަތް އަލުން ފަށައި، ގާތްގަނޑަކަށް 115 ހެކްޓަރު (68 ޕަސެންޓް) ވަނީ ހިއްކާ ނިމިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބާކީ އޮތް ބައި ހިއްކާ ނިމުމާ އެކު، ސާވޭގެ މަސައްކަތް ފަށައި ލަސްތަކެއް ނުވެ ގޯތިތައް ހަވާލުކުރެވޭނެއެވެ.
ބިން ހިއްކުމުގެ އިތުރުން ދެން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ސަރަހައްދުތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމެވެ. ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ގާއިމުކޮށް، މަގުތައް ހެދުމަކީ ބިން ހިއްކުމަށް ދިޔަ ހަރަދަށް ވުރެ އެތައް ގުނައެއް ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ. އެގޮތުން ހަމައެކަނި ގުޅިފަޅުގައި ވެސް މި ހިދުމަތްތައް ގާއިމުކުރުމަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ބޭނުންވާ ކަމަށް ބެލެވެއެވެ. ދައުލަތުގެ ބަޖެޓުން އެއްފަހަރާ މި ހަރަދުތައް ކުރުމަކީ ދަތި ކަމަކަށް ވީނަމަވެސް، މަސައްކަތް ލަސްވިޔަ ނުދިނުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ޕަބްލިކް ވޯކްސް ސާވިސް އާއި އެމްޓީސީސީ ގުޅިގެން ފެނާއި ނަރުދަމާގެ ނެޓްވޯކް މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައެވެ.
ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބުނު އެތައް ހާސް އާއިލާއެއްގެ ދިގު އިންތިޒާރަށް ނިމުމެއް ގެނައުމަށްޓަކައި ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ހަމައެކަނި ކަރުދާހުގައި ގޯތި ދިނުމުގެ ބަދަލުގައި، ހަގީގީ މާނައިގައި މީހުން ދިރިއުޅެވޭނެ ފަދަ އިންތިޒާމުތަކަކާ އެކު ބިންތައް ރައްޔިތުންނާ ހަވާލުކުރުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒެވެ. މިކަމުގެ ސަބަބުން، މާލޭގެ ރައްޔިތުންގެ ޒަމާންވީ ބޯހިޔާވަހިކަމުގެ ތަކުލީފުތަކަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމީ ޔަގީން ކަމެކެވެ.








