








4190
ނ.މަނަދޫގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ނ.މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެދިލެއްވުމަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގެ 35 ފަރާތެއް ބައިވެރިވިއެވެ.
މި ޕްރޮގްރާމުގައި ކިޔަވައިދިނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ. މި ޕްރޮގްރާމުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ.
މި ޕްރޮގްރާމްގައި، ބައިވެރިންނަށް އަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފައިވެއެވެ.








