.jpg?w=3840&q=75)
luayyu ibrahim
ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް އިސްތިއުފާދެއްވައިފި އެވެ.
ލުއައްޔު އިސްތިއުފާދެއްވާފައިމިވަނީ، ދާންދޫ ކޯޓުގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވަނިކޮށެވެ.
ޖޭއެސްސީން ބުނީ، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމްއާ ގުޅޭ ގޮތުން މި ކޮމިޝަނަށް ހުށަހެޅުނު 22 މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް އެ ކޮމިޝަނުން ފާސްކޮށްފައިވާކަމަށެވެ. އެގޮތުން 22 މައްސަލައިގެ ތެރެއިން ތެރެއިން 20 މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަނެއް 2 މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވެފައެވެ.
މި ގޮތުން، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ވަނީ ސާބިތުވެފައިވެއެވެ.
އަދި ކޯޓުގެ ރަސްމީ ގަޑީގަ އާއި އެ ނޫން ވެސް ވަގުތުތަކުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ވިޔަފާރީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަމާއި، މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް މަސައްކަތްކުރިކަން ސާބިތުވެފައިވާކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.












