
ODkinZAnNq20156iIF8FYmgxz
ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރަށް ކިޔެވުމަށް ފުރުޞަތު ލިބުނު ދަރިވަރުން ކިޔަވަން ފަށައިފިއެވެ.
ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އިޢުލާން ކުރެއްވީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި ސެޕްޓެމްބަރު މަހު ސްކޮލަޝިޕަށް އެދުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މާސްޓަރސް ފެންވަރަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތަށް އެދުނު ދަރިވަރުންގެ ތެރެއިން އެ ފުރުޞަތު ލިބުނު 5 ދަރިވަރަކު މިހާރު ކިޔަވަމުން އަންނަކަމަށެވެ. މިގޮތުން މިހާރު "މާސްޓަރ އޮފް ސައިންސް އިން އެޑިކްޝަން ސްޓަޑީޒް" 5 ދަރިވަރަކު "މަލްޓާ" ޔުނިވަރސިޓީގައި އަންނަނީ ކިޔަވަމުންނެވެ. މި ދަރިވަރުން ކިޔެވަމުން އަންނަނީ ދަޢުލަތުން ޚަރަދުކޮށްގެންނެވެ.
މި ސްކޮލަރޝިޕްތަކުގެ ތެރެއިން ކޮންމެ ސްކޮލަރޝިފެއްވެސް ވަނީ އެ ސްކޮލަރޝިޕެއް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެ މުއައްސަސާއަކަށް އެލޮކޭޓްކޮށްފައެވެ. އެހެންކަމުން، އެ ސްކޮލަރޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މއީ މާލެއާއި އަތޮޅުތަކުގައި ޚިދުމަތްކުރުމަށް މީހުން ތަމްރީންކުރުމުގެގޮތުން ހަމަޖައްސާފައިވާގޮތެކެވެ.
ހެލްތް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަށްޓަކައި މިވަގުތު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި ބައްޔަށް ފަރުވާ ދޭނެ ތަމްރީން ލިބިފައިވާ މީހުން މަދުވުމެވެ. އެހެންކަމުން މިދާއިރާއިން މީހުން ތަމްރީން ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ދެވޭ އިންތިޒާމް ވަރުގަދަ ކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގެ އިތުރަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށްޓަކައި ޚާއްސަކޮށްގެން ސެންޓަރުތަކެއް ހުޅުވާލައި، ޚިދުމަތް އާސަންދައިގެ ދަށުން ޚަރަދުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް މެންޓަލް ހެލްތް ސެންޓަރ ޤާއިމް ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.












