








4065
ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހއ. ބާރަށުގައި ކުރިއަށްގެންދިޔަ "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގައި، އެ ރަށުގެ ހަތަރު ފިރިހެނުންނާއި 68 އަންހެނުން ބައިވެރިވިއެވެ.
"މޫދު ކަސްރަތުން އުފާވެރިކަން" ނަމުގައި އޮގަސްޓް 30 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ހއ.ބާރަށުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. އަދި، ޕްރޮގްރާމް ހިންގައިދިނުމުގައި އެހީތެރިވެދިން ފަރާތްތަކަށާއި، މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.
މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އަދި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމަކީ ވެސް މި ޕްރޮގްރާމްގެ މަޤްޞަދެވެ.
ހއ.ބާރަށު ކައުންސިލް އިދާރާއާއި ވިމެންސް ޑިވެލޮޕްމަންޓް ކޮމެޓީ (ޑަބްލިއުޑީސީ)އާއި ބާރަށު ޕޮލިސް ސްޓޭޝަނާއި، ބާރަށު ސްކޫލު އަދި ބާރަށު ޞިއްޙީ މަރުކަޒުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމު ކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ދަސްކޮށްދީ، ކަސްރަތު ކުލާސްތަކުގައި ވަނީ ދަސްކޮށްދީފައެވެ.
މި ޕްރޮގްރާމްގައި ކުލާސްތައް ނަންގަވައިދެއްވީ ސާޖަންޓް ފަސްޓް ކުލާސް ޝިފާޢު ޢަބްދުލްކަރީމާއި ސްޓާފް ސާޖަންޓް މުމްތާޒް ޢަބޫބަކުރުގެ އިތުރުން ލާންސް ކޯޕްރަލް މަރިޔަމް ރީޝާއެވެ.








