







ސިފައިންގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:އެމްއެންޑީއެފް
ސިފައިންގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނީ މިކަމަށްޓަކައި ރޭގައި ގިރިފުށީ ޓްރޭނިންގް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގް އޮފިސާ ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސައިން އިބްރާހީމް އެވެ.
މި ރަސްމިއްޔާތުގައި ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސައިން އިބްރާހީމް ވާހަކަފުޅުދައްކަވަމުން ވަނީ ސިފަވަންތަ ހަރުދަނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވުމަށް އިލްތިމާސްކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތްއިރު،ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޮމްޕެނީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީޤް އެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ އެ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަހްމާދު ޝާތިރު އެވެ.
މި އަސާސީ ތަމްރީނު ކޯހުގައި 149 ދަރިވަރުން ހިމެނޭއިރު، އޭގެތެރޭގައި ހިމެނެނީ 27 އަންހެން ދަރިވަރުންނެވެ.
މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް އިބްރާހީމް ނަވީން ޒުބައިރާއި، ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާން އަދި އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ނަދީމް ބައިވެރިވެލެއްވި އެވެ.



