
FdVp-33VQAA0fVu
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ރަންވޭގައި އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ހަރުކޮށްފިއެވެ.
އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) އަކީ މޫސުމީ ޙާލަތަށް ބަލައި، މަތިންދާބޯޓުތައް ރަންވޭގައި ޖައްސަން ޕައިލެޓުންނަށް އެހީތެރިވެދިނުމަށް ބޭނުންކުރާ ނެވިގޭޝަން ސިސްޓަމެކެވެ. މި ސިސްޓަމް ހަރުކޮށްފައި މިވަނީ ސިސްޓަމް ޓެސްޓުކުރުމަށް ފަހުގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިމަނައިގެން، އައު ރަންވޭ ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ. ރަންވޭގެ ޢަމަލީ މަސައްކަތް ނިންމާ 2018ވަނަ ޓެސްޓް ފްލައިޓްވެސް ވަނީ އައު ރަންވޭއަށް ޖައްސާފައެވެ. މި ރަންވޭ އަންނަ މަހު ބޭނުންކުރަން ފެށޭނެ ކަމަށް އެމްއޭސީއެލް އިން ވިދާޅުވެއެވެ.
ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑް.އެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ޖެއްސޭނެހެން ފަރުމާކޮށްފައިވާ ރަންވޭއެކެވެ.
އައު ރަންވޭ ބޭނުން ކުރަން ފެށުމުން ފްލައިޓުތައް އެއަރޕޯޓުގައި ޖައްސާ ޓެކްސީވޭ ކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެމްއޭސީއެލް އިން ވިދާޅުވެއެވެ.












