








IMG_8160
އިންޑިއާގެ ހިލޭ އެހީގެ ދަށުން ގދ ތިނަދޫ އަބޫބަކުރު ސްކޫލްގައި އެޅުމަށް ހަމަޖެހިފައިވާ އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްގެ އިމާރާތް ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ފައިމީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި އަބޫބަކުރު ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް އެވެ. ފައިމީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަތުހުﷲ އާދަމްއެވެ.
މި މަޝްރޫޢުއަށް ޖުމްލަ 1.6 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު، މިމަޝްރޫއުގެ ތެރެއިން އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ އިތުރުން ބޭނުންވާ ވަސީލަތްތަކާއި ޓެކްނޮލޮޖީ ގާއިމުކުރުން ހިމެނެއެވެ. އެގޮތުން ލެޕްޓޮޕް، ޓެބްލެޓް، ޑެސްކްޓޮޕް، ޓީވީ ފަދަ ތަކެތި ގަތުމާއި މުދައްރިސުން ތަމްރީނުކުރުން ހިމެނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް ވިދާޅުވީ، އަބޫބަކުރު ސްކޫލަކީ މިސަރަހައްދުގައި އެންމެ ގިނަ އަދަދަކަށް ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ސްކޫލް ކަމަށެވެ.
ޕްރިންސިޕަލް ވަނީ މިވަގުތު ސްކޫލްގައި ގާއިމުކުރެވިފައިވާ ވަސީލަތްތަކަކީ އެންމެ އެކަށީގެންވާ ވަސީލަތްތަކަކަށް ނުވާތީ، އެކަމަށް ހައްލެއް ހޯދުމަށް ސްކޫލުން އިސްނަގައިގެން ސަރުކާރަށް ދެންނެވުމުން އެ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން އެ ސްކޫލަށް އެ ފުރުސަތު ދެއްވީތީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ހާއްސަކޮށް މިފަދަ އެހީތެރިކަމެއް ރާއްޖެއަށާއި ހާއްސަކޮށް އަބޫބަކުރު ސްކޫލަށް ދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ޕްރިންސިޕަލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިމަސައްކަތް ފައިމީ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން އަބޫބަކުރު ސްކޫލްގައި އިމާރާތްކުރާ އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް މަގްސަދަކީ އެސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކުރުމުގެ ގޮތުން، ބޭނުންވާ ވަސީލަތްތަކާއި މުދައްރިސުންގެ ފެންވަރު މަތިކުރުމެވެ.








