








E9A0C756-5F57-4B93-A1D8-59F5C8446CD8
ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ރިޔާސީ ކެމްޕެއިންގައި ގދ ރަތަފަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެރަށަށް އުފަން އަދި އެރަށުގެ ތަރައްްޤީއަށް މަސައްކަތްކުރައްވާ ރީޖަނަލް އެއާޕޯޓްސް ގެ ޑިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރަތަފަންދޫގެ ގޮނޑޮދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު ފެށިގެން ދިޔުމާއި ގުޅިގެން ސައުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ، 2018ގެ ރިޔާސީ އިންތިޚާބު ކެމްޕެއިންގައި ގދ.ރަތަފަންދޫ ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ އެމީހުންގެ މުޅި ދިރިއުޅުމަށް ދިގު މާޒީގައި އުދައެރުމުގެ ސަބަބުން ދިރިއުޅުމަށް ދިމާވެފައި އޮތް ހާސްކަންކަމަށާއި، މި ވަޢުދު ފުއްދާނެކަމަށް މީގެ ކުރީން ވެރިކަމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ވަޢުދުވި ކަމަށެވެ. ނަމަވެސް ރަތަފަންދޫ ރައްޔިތުން ވަނީ ބާކީކޮށް އެމީހުންގެ ޓެކްސް ފައިސާއަށް ހަރާންކޯރުވާފައިކަމަށް ސަޢުދުﷲ ވިދާޅުވިއެވެ. މިކަން ސައުދުﷲ ސިފަކުރެއްވީ ފާއިތުވި ހުރިހާ ސަރުކާރަކުން ގދ.ރަތަފަންދޫ ބާކިކޮށްލި ކަމުގެ ހެއްކެއްގެ ގޮތުގައެވެ.
ސައުދުﷲ ގެ ޓުވީޓުގައި އޭނާ އިތުރަށް ބުނެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިން އިތުބާރާއި ޔަޤީންކަމަކީ ރައްޔިތުންގެ ދަތި ހާލުން ރަތަފަންދޫ ރައްޔިތުން ސަލާމަތް ކުރާނެކަމަށްކަމަށާއި، އެރަށު ގިރާ ސަރަހައްދު ހިމާޔަތްކޮށް އުފާވެރިކަން ގެނެސްދެއްވާނެކަންކަމަށް ސަޢުދު ވިދާޅުވިއެވެ.
މިއަދު މިވަނީ މި ވަޢުދު ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށިފައކަމަށާއި ރަތަފަންދޫއަށް ރައީސް ޞާލިޙް ވީ ހުރިހާ ވަޢުދެއް ފުއްދާނެކަމުގެ ޔަޤީންކަން އެބައޮތްކަން ސައުދުﷲ ފާހަގަކުރެއްވި އެވެ. އަދި މި މަސައްކަތުގައި ފިނޭންސް މިނިސްޓަރ އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އަދި މަސައްކަތް ހަވާލުކުރެވިފައިވާ އެމްޓީސީސީގެ އެކުވެރި އާދަމް އާޒިމް ސްޕީޑްއަޕް ކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތަށް އިޚްލާސްތެރި ޝުކުރު އަދާކުރައްވާކަން ސައުދުﷲ ފާހަގަކުރެއްވި އެވެ.
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 7 އޯގަސްޓް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކުރެވިފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 8.27 މިލިއަން ރުފިޔާއެވެ.
ގދ. ރަތަފަންދޫގެ 385،1 ރައްޔިތުން ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.








