






.jpeg?w=3840&q=75)

e-s7mp7veaelmph-1
މިއަހަރުގެ މިހާތަނަށް 77 މީހަކަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުންގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.
އެ އޮފީހުން ބުނީ، ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި، ދަޢުލަތުން ވަނީ 109 މައްސަލައެއްގައި ޝާމިލުވާ 77 މީހަކަށް ޤާނޫނީ ވަކީލުން ހަމަޖައްސާފައިވާ ކަމަށެވެ. މީގެތެރެއިން ދަޢުލަތުން އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން ޖިނާއީ އެކި ކުށްތަކުގައި، 40 ކުއްޖަކަށް ވަނީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދަޢުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، 40 ކުޑަކުދިންގެ އިތުރުން، 18-30 އަހަރާއި ދެމެދުގެ 15 މީހަކަށާއި، 31-50 އަހަރުގެ 18 މީހަކަށާއި، 51 އަހަރުން މަތީގެ 4 މީހަކު މީގެ ތެރޭގައި ހިމެނެއެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ބުނާގޮތުން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރު ކުރެވޭ، ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދޭންޖެހެއެވެ.
ކުޑަކުދިންނަށް ދަޢުލަތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 7 ބާވަތެއްގެ ކުށްތަކުގައި ޝާމިލުވާ ކުޑަކުދިންނަށެވެ. އޭގެ ތެރޭގައި ވައްކަން ކުރުމާއި، މަރުގެ މައްސަލަތަކާއި، މާރާމާރީއާއި، މަސްތުވާތެއްޗާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި ޝާމިލުވާ ކުދިންވެސް ހިމެނެއެވެ.




