
BFBE527F-FE70-4929-B9F7-E43F544772C7
ކ. އެރިޔަދޫ ރިސޯޓު ކައިރިން އިންޖީނު ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފް އިން އެހީތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ އެ ލޯންޗަކީ ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން 33 މީހުންނާއެކު ރ. މީދޫ އަށް ދަތުރު ކުރަމުން ދިޔަ "އަލިސް" ނަމަކަށް ލޯންޗެއް ކަމަށެވެ. އެ ލޯންޗު އެރިޔަދޫ ކައިރިން އިންޖީނު ހުއްޓުމާ ގުޅިގެން ސިފައިން އެ ލޯންޗުގައި ތިބި މީހުންނަށް އެހީތެރިވެފައިވެއެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިއަދު އިރުއޮއްސި ހައެއް ޖަހަނިކޮށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑްގެ ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ވެލާނާ" ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ "އަލިސް" ލޯންޗުގައި ތިބި 10 މީހަކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ގައި މިރޭ 21:15 ހާއިރު މާލެ ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.











