
7d7a6a6c-5824-4283-9e5d-5203975fbe4d-pqg3sjrgy834h3q3nxzdpqnkxruxxok5zzd4cam1rk
ނަފްސާނީ ބައްޔާ މެދު އާއްމުން ހޭލުންތެރިކުރުވުމަށް ރެޒޫމޯ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މާލޭގައި ހާއްސަ ސެޝަނެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 2:00 ން ހަވީރު 6:00 އަށެވެ. ސެޝަން އޮންނާނީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ.
މި ސެޝަނުގައި ވާހަކަދައްކަވާނީ ސައިކޮލޮޖިސްޓް އައިމިނަތު ނަދާ ޝަރީފް، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ލިޔުންތެރިޔާ އަހުމަދު ސާއިލް އަލީ އަދި ލައިފް ކޯޗު ފާތިމަތު އީމާން ނަޝީދު އެވެ.
މީގެ ތެރެއިން ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް ނަދާ ވާހަކަދައްކަވާނީ ޑިޕްރެޝަނާއި އެންޒައިޓީގެ އަލާމާތްތައް ދެނެގަންނާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްގެ ޑިރެކްޓާ ޖެނެރަލް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަހީމް ވާހަކަދައްކަވާނީ އިސްލާމީ ނަޒަރަކުން ޑިޕްރެޝަން އާއި އެންޒައިޓީއާ ބެހޭގޮތުންނެވެ.
‘އެ ދުވަސް ގެނެވޭނެ’ ނަމުގައި ނަފްސާނީ ބަލީގެ އަމިއްލަ ތަޖުރިބާތައް ފޮތެއްގެ ސިފައިގައި ދާދި ފަހުން ޝާއިއުކުރެއްވި ނޫސްވެރިޔާ ސާއިލް ވިދާޅުވެދެއްވާނީ އެ ބަލި ތަހައްމަލުކުރި ގޮތާއި އެކަމުން އަރައިގަތް ގޮތާ ބެހޭގޮތުންނެވެ.
ޑްރީމްސްކޭޕްގެ ފައުންޑާ އަދި ލައިފް ކޯޗު އީމާން ވާހަކަދައްކަވާނީ ނަފްސާނީ ބަލިތަކުން އަރައިގަތުމުގައި ބޭނުންކުރާނެ އުކުޅުތަކާއި އުފާވެރި ދިރިއުޅުމެއް ބިނާކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މި ސެޝަނުގައި ބައިވެރިވެވޭނީ 700 ރުފިޔާގެ ރަޖިސްޓްރޭޝަން ފީ އެއް ދައްކައިގެންނެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.gle/aTWEuDe3NHgzGyru6












