
GMG_7333
ގދ. ތިނަދޫގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި އެރަށު މިއުޒިއަމް ޕާކުގައި އިމާރާތްކޮށްފައިވާ ތިން އިމާރާތުގެ ތެރެއިން އިމާރާތެއް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ތިނަދޫ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވީ އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށްޓަކައި އެރަށު މިއުޒިއަމް ޕާކުގައި ހުރި ތިން އިމާރާތުގެ ތެރެއިން އިމާރާތެއް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ ޚިދުމަތް މިއަހަރުގެ މޭ 17 ވަނަ ދުވަހު ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަޅުގަނޑުމެން މަސައްކަތް މިކުރަނީ އަތޮޅުގެ ރައްޔިތުން މާލެ ނުގޮސް، ތިނަދޫއިން ޕާސްޕޯޓު ލިބޭނެ އިންތިޒާމް ގާއިމްކުރުމަށް. އެމަސައްކަތް އިރާދަކުރެއްވިޔާ ބާރަށް އެބަދޭ. އިމާރާތެއް އިމިގްރޭޝަނާ ހަވާލުކޮށްފިން. މި ބަލަނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ޚިދުމަތްތައް ފެށޭތޯ -- ތިނަދޫ ރައީސް، ސައުދު އަލީ
މީގެ އިތުރުން ސައުދު ވިދާޅުވީ، އިމިގްރޭޝަންގެ ޚިދުމަތްތައް ތިނަދޫ މިއުޒިއަމް ޕާކުގައި ދޭން ހަމަޖެހިފައިވަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެރަށުގައި އިމިގްރޭޝަންގެ އޮފީހެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވާ ކަމަށާއި އެ ތަން އިމާރާތް ކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށެވެ.
ތިނަދޫގައި އިމިގްރޭޝަންގެ ދާއިމީ އޮފީސް އެޅުމަށް ބިމެއް ދޫކޮށްފައިވަނީ އެރަށު ދަޑުކޮޑާ ސަރަހައްދުގައި އޮންނަ ތިންކަން ޕާކާ ވީ ހިސާބުގައެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)



