
FMG42C9aUAIDK6V
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ ގޮތުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ، އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި މިއަދު ކުރިއަށްދިޔަ އެކަމާ ގުޅޭ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ، މަޖިލީހުގެ ކޮމިޓީއާ ބައްދަލުކުރެއްވުމަށް އެދިފައިވަނީ ތިނަދޫ ކައުންސިލުން ސިޓީއަކުންނާއި އަދި ރަސްމީކޮށް ބައްދަލުކުރައްވައި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން އެ ކޮމެޓީގެ މަޝްވަރާ ހޯދުމަށް ކަމަށެވެ.
އަޅުގަނޑުމެންނާ ހަމައަށް އެ ރިކުއެސްޓް އައިމަ އަޅުގަނޑުމެން ނިންމީ ބޯޑާ މަޝްވަރާކޮށްފައޭ އަޅުގަނޑުމެން ޕްރޮސީޑް ކުރާނީ. އެލްޖީއޭ ބޯޑުން ނިންމީ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރަން. އަޅުގަނޑުމެން ހުށަހެޅީކީ ނޫން ސިޓީއެއްގެ ދަރަޖަ ދޭކަށް. ބައެއް މީޑިއާތަކުގެ އެގޮތަށް ރިޕޯޓުކުރެވިފަ އެބަ އޮތް --- އެލްޖީއޭގެ ސީއީއޯ، އަފްޝަން ލަތީފް
އަފްޝަން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެލްޖީއޭއިން މަޖިލީހުގެ ކޮމެޓީގައި އެދުނީ "މަޝްވަރާ" ކުރުމަށް ކަމަށެވެ.
އަޅުގަނޑުމެންގެ ވަކި ޕްރޮޕޯސަލް އެއް ނެތް ކައުންސިލަށް ސިޓީ ސްޓޭޓަސް ދިނުމާއި ނުދިނުމާ އެކަހަލަ ރެކޮމެންޑޭޝަނެއް ނެތް. ހަމަ މަޝްވަރާއަކަށް އެ ބޭފުޅުންގެ ރިކުއެސްޓް އައިމަ ބޯޑުންވެސް އެގޮތަށް ނިންމަވާފަ އޮތީމަ މަޝްވަރާކޮށްލަން ބައްދަލުކޮށްލަން ބޭނުންވީ --- އެލްޖީއޭގެ ސީއީއޯ، އަފްޝަން ލަތީފް
މިއަދުގެ ލާމަރުކަޒީ ކޮމެޓީގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި، ތިނަދޫއަށް ނިސްބަތްވާ ދެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދެ މެމްބަރުންނަކީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނެއް ނޫނެވެ. ނަމަވެސް މިއަދު ކުރިއަށް ދިޔައީ އެރަށުގެ މަސްލަހަތާ ގުޅޭ ކަމަކާ ގުޅޭ މަޝްވަރާއެއް ކަމުން އެ ދެ މެމްބަރުން ބައިވެރިވެވަޑައިގަތީ އެކަމަށް އަމިއްލައަށް އެދިވަޑައިގެންނެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)




