
ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)
ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ، ސީއެޗްއެސްއީގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ކުރެހުންތައް ފާސްކުރުމުގެ (އެޕްރޫވްކުރުމުގެ) މަސައްކަތް ކަމަށެވެ. އެ މަސައްކަތް ނިމުމާއެކު މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސީއެޗްއެސްއީ އަށް ހަތް ބުރީގެ އާ އިމާރާތެއް އެޅުމަށްޓަކައި ޔޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ސީއެޗްއެސްއީއަކީ މާލެ ސަރަހައްދުގައި މަތީ ސާނަވީއަށް ނުވަތަ އޭލެވެލްއަށް ކިޔަވައިދިނުމަށް ސަރުކާރުން ހިންގާ ހަމައެކަނި ސްކޫލެވެ. މާލޭގައި 1979 ވަނަ އަހަރު ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ) ގެ ނަމުގައި ހުޅުވި މި ސްކޫލުގެ މާލޭ އިމާރާތް ބާވުމާ ގުޅިގެން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހުޅުމާލޭގައި އެ ސްކޫލުގެ އާ އިމާރާތެއް ބިނާކޮށް، މާލޭގައި ހުރި އިމާރާތް ބޭނުންކުރުން ހުއްޓާލިއެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލޭގައި ހުރި ސީއެޗްއެސްއީގެ ބާ އިމާރާތް މަރާމާތުކޮށް، އަލުން އެތަނުގައި ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ އެ ސަރަހައްދުގައި ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ އާ އިމާރާތެއް ބިނާކުރުމަށެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)




