
MP mugunee
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ވަކާލާތު ކުރަމުން ދަނީ ރަށަށް ލިބެން ޖެހޭ ޙައްގުތައް ހޯދުމަށް ކަމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު މުޣްނީ ވިދާޅުވީ، ގާނޫނުގައިވާ އެންމެ މާއްދާއެއްގެ ސަބަބުން ލިބެންޖެހޭ ގިނަ ޙައްގުތަކަކުން ތިނަދޫ މަޙްރޫމްވެފައިވާތީ، އެ ޙައްގުތައް ހޯދުމަށް ކަމަށެވެ. އަދި ތިނަދޫގެ އާބާދީ މަދުވެފައިވާ ސަބަބަކީ، އެކި ސަބަބުތަކާ ގުޅިގެން، ޚިދުމަތް ލިބިގަންނަން މާލެ ބަދަލުވެ މާލެ ދަފްތަރުގައި ޖެހިފައިވާ މީހުން ގިނަ ވުމުން ކަން މެމްބަރު ފާހަގަކުރެއްވި އެވެ.
އާބާދީ މަދުވެގެން ދިޔަ ކަމުގައިވިޔަސް، އަޅުގަނޑުމެން އެންމެނަށް ގަބޫލުކުރެވޭ ތިނަދޫއަށް ލިބެން ޖެހޭ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނީ މިހާރު ތިނަދޫ އެއޮތް ހާލަތު ބަދަލުވެގެން ކަމަށް. އެހާލަތު ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން ސިޓީއެއްގެ ދަރަޖަ ހޯދަން ވަކާލާތު ކުރަމުން މިދަނީ --- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު، އަބްދުލް މުޣްނީ
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މުޣްނީ ވަނީ ތިނަދޫ ކައުންސިލުން އެދިފައިވާ އެެދުމާ ގުޅިގެން އެލްޖީއޭއިން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މަޝްވަރާއަށް އެދިފައިވާތީ އެކަމަށް ތައުރީފްކޮށްފައެވެ. މެމްބަރު ވިދާޅުވީ، ކައުންސިލުން އެލްޖީއޭގައި އެދުމުން، އެކަމަށް ގާނޫނީ ހުރަސް އޮތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލެވެން ވެސް އޮތް ކަމަށެވެ. ނަމަވެސް ބޯޑުން ވަކި ގޮތެއް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މަޝްވަރާއަށް އެދުމުން އެލްޖީއޭގެ ނިޔަތް ހެޔޮ ކަން ފާހަގަ ކުރެވޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ލާމަރުކަޒީ ކޮމެޓީގައި އެލްޖީއޭއިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިނަދޫގެ އާބާދީ ހަމަ ނުވާތީ އެކަމުގެ ވާހަކަ އެވެ. އަދި ގާނޫނުގެ ދަށުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އޮތް ހަމަ އެކަނި ހުރަހަކީ އެއީ ކަންވެސް އެލްޖީއޭއިން ފާހަގަކޮށްފައި ވެއެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)




