
velana
އަސާސީ މުސާރައަށް ބަދަލެއް ނުގެނެސް އެންމެ ކުޑަ އުޖޭރަ ހަމަޖެއްސުމަށްޓަކައި ސިވިލް ސާވިސްގައިވަޒީފާ އަދާކުރާ މީހުންނަށް އެލަވަންސެއް ދޭން ނިންމައިފި އެވެ.
މިނިމަމް ވޭޖު ދޭން ފަށަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ މުސާރައާއެކުއެވެ. އެގޮތުން ޖެނުއަރީގައި މިނިމަމް ވޭޖު ލިބެން ފަށާ މުވައްޒަފުންގެ 50 ޕަސަންޓް މުވައްޒަފުންނަށް 1500 ރުފިޔާއިން މަތީގެ އަދަދެއް މުސާރައަށް އިތުރުވާނެއެވެ. އެއީ 5،928 މުވައްޒަފުންނެވެ.
ހަމައެއާއެކު 4،184 މުވައްޒަފުންނަށް 1000 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދުގެ އަދަދެއް މުސާރައަށް އިތުރުވާއިރު، 1،286 މުވައްޒަފުންނަށް 500 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދުގެ އަދަދެއް މުސާރައަށް އިތުރުވާނެއެވެ. މިނިމަމް ވޭޖު އެލަވަންސްގެ ގޮތުގައި 500 އަށްވުރެ ދަށް އަދަދެއް އިތުރުވާނީ ސިވިލް ސާވެންޓުންގެ ތެރެއިން 430 މުވައްޒަފަކަށެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މި އެލަވަންސް ލިބޭނީ އަސާސީ މުސާރައާއި ފިކްސްޑް އެލަވަންސްތަކާއެކު 7،000 ރުފިޔާ ހަމަނުވާ މީހުންނަށެވެ. މި އެލަވަންސް ލިބޭނީ ސިވިލް ސާވެންޓުންގެ ތެރެއިން ސަޕޯޓް ސާވިސް ރޭންކުތަކާއި ޖެނެރަލް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ދިނުމާ ގުޅޭ ގަރާރުގައި ވާ ގޮތުން މިނިމަމް ވޭޖެއް ދެނީ، އަސާސީ މުސާރަ އާއި ޕިކްސްޑް އެލަވަންސް އާ އެއްކޮށް ކަމަށެވެ. އަދި އެއީވެސް ފިކްސްޑް އެލަވަންސެއް ކަމަށެވެ.
އެލަވަންސެއްގެ ގޮތުގައި ދޭން ހަމަޖެހިފައިވާ މިނިމަމް ވޭޖް އެލަވަންސް އެކި މުވައްޒަފުންނަށް ލިބޭނީ އެކި ވަރަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިނިމަމް ވޭޖް އެލަވަންސް ލިބޭ މުވައްޒަފުންނަށް އަންނަ މަހުގެ 15 ގެ ކުރިން މުސާރައަށް އަންނާނެ ބަދަލުތައް އަންގާނެ ކަމަށެވެ.
.
















