

.jpg?w=3840&q=75)





CD4C180D-9F01-4394-8D1A-9045E2D16CFC
ގދ. ފަރެސްމާތޮޑާގެ ފަޅު ހިއްކައިގެން ސަރުކާރުން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓު އެރަށާ ގުޅާލުމަށްޓަކައި ކޯޒްވޭއެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓަރ، އިބްރާހިމް އަމީރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ސަރުކާރުގެ ޚަރަދުގައި ހުވަދު އަތޮޅުގެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއު ހިންގުމަށް 188 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެ ތެރެއިން ގދ. ފަރެސްމާތޮޑާއަށް ޚާއްސަކޮށްފައިވަނީ 17.2 މިލިއަން ރުފިޔާއެވެ. އެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ޚަރަދުކުރުމަށް ރާވާފައި ވަނީ އެ ރަށުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަށެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް 12.1 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު ދެން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި އޮތީ އެއާޕޯޓާއި އެ ރަށް ގުޅާލުމަށް އަޅާ ކޯޒް ވޭ އަށެވެ.
ފަރެސްމާތޮޑާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތަފްސީލް:
އެއާޕޯޓު ތަރައްގީ ކުރުން - 12.1 މިލިއަން ރުފިޔާ
ފަރެސްމާތޮޑާ އެއާޕޯޓު ގުޅުވާލުން - (ކޯޒްވޭ) 2.9 މިލިއަން ރުފިޔާ
ފަރެސްމާތޮޑާ މަލްޓިޕާޕަސް ހޯލް އަދި ފަސް ކްލާސް ރޫމް - 1.5 މިލިއަން ރުފިޔާ
ފަރެސްމާތޮޑާ އިޖްތިމާއީ މަރުކަޒު ތަރައްޤީކުރުން - 200،000 ރުފިޔާ
ފަރެސްމާތޮޑާ ބަނދަރު ހެދުން - 200،000 ރުފިޔާ
ފަރެސްމާތޮޑާ މަގު ހެދުން - 300،000 ރުފިޔާ
ހެރިޓެޖް މިނިސްޓްރީގެ ދަށުގައި ހުރި ސައިޓްތައް މަރާމާތުކުރުމާއި ސައިޓް މިއުޒިއަމް ގާއިމްކުރުން - (އަދަދެއް ކަނޑައަޅާފައި ނުވޭ)
އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަން ގާއިމްކުރުމުގެ ދަށުން ފަރެސްމާތޮޑާގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކުރުން - (އަދަދެއް ކަނޑައަޅާފައި ނުވޭ)
މި މަޝްރޫއުތަކުގެ ތެރެއިން އެރަށުގައި އަންނަ އަހަރު އަލަށް ފަށާ ޕްރޮޖެކްޓުތަކުގެ ގޮތުގައި ހިމަނާފައިވަނީ ތިން ޕްރޮޖެކްޓެކެވެ. އެއީ އެ ރަށު ސްކޫލުގެ މަލްޓި ޕާޕަސް ހޯލަކާއި ފަސް ކްލާސް ރޫމް އެޅުމުގެ އިތުރުން ޕޮލިސް ސްޓޭޝަނަކާއި އާސާރީ ސައިޓުތައް މަރާމާތުކުރުމާއި ސައިޓު މިއުޒިއަމް ގާއިމްކުރުމެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ފަރެސްމާތޮޑާ ފާހަގަ ވަނީ ހުވަދު އަތޮޅުން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ފަސް ވަނަ ރަށުގެ ގޮތުގައެވެ. އަންނަ އަހަރަށް ލަފާކޮށް ހުވަދު އަތޮޅުން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ގއ. ވިލިނގިއްޔަށެވެ. އެއީ 37 މިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި އޮތީ ގދ. ތިނަދޫއަށެވެ. ތިނަދޫއަށް 35 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، ތިން ވަނައަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި އޮތީ ގދ. ގައްދޫއަށެވެ. އެއީ 27.5 މިލިއަން ރުފިޔާއެވެ.


.jpg?w=3840&q=75)





