








batch_80577037_4029091920441662_7686744068193255424_n-1-690x518
ގއ. ކޫއްޑޫ އެއާޕޯޓުން އިއްޔެ ފެނުނު ކޮވިޑް19 ގެ ކޭސްތަކާ ގުޅިގެން ނެގުނު އެއްވެސް ސާމްޕަލެއް ކޮވިޑް19އަށް ފައްސިވެފައި ނުވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު, ޝަރީފް އަޙްމަދު ވިދާޅުވެއްޖެ އެވެ.
ކޫއްޑޫގެ ހާލަތާ ގުޅިގެން މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ކޫއްޑޫ އެއާޕޯޓުން ފައްސިވި ދެ މުވައްޒަފުންނަކީ ވިލިނގިއްޔަށް ނިސްބަތްވާ ދެ މުވައްޒަފުން ކަމަށާއި, އެ ދެ މުވައްޒަފުން ފައްސިވުމާ ގުޅިގެން މިވަގުތު ވިލިނގިލީގައި އެ ދެމީހުން ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންއަށް އިއްޔެ 16 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ނަތީޖާ ނައްސި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެރަށަށް މިހާރު ދެވޭނީ ހަމައެކަނި ވައިގެ މަގުން ފުރާ މީހުންނާއި އަންނަ މީހުންނަށް އެކަނި ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ މިވަގުތު ގއ. ވިލިނގިލި އޮތް ހާލަތަށް އަތޮޅުގެ އެހެން ރަށްރަށް ގޮސްދާނެތީ އެކަން ހުއްޓުވުމަށް ކަމަށެވެ.
ކޫއްޑޫ އެއާޕޯޓުގެ ހާލަތާ ގުޅުގެން އެ އެއާޕޯޓުގައި މަސައްކަތް ކުރާ މީހަކު ބުނީ ފައްސިވި 2 މީހުންނަކީވެސް އެކްޓިވްކޮށް ޑިއުޓީއަށް އަރައި މަސައްކަތް ކުރަމުން ދިޔަ މީހުން ކަމަށެވެ. އަދި އެއާޕޯޓުގެ 80 ޕަސެންޓު މުވައްޒަފުންނާ އެ ދެ މީހުން ކޮންޓެކްޓް ވެފައިވާ ކަމަށެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގައި ހިމެނެންޖެހޭ މީހުން ކަރަންޓީނު ކުރުމުގެ ބަދަލުގައި މަޖުބޫރުން ވަޒީފާއަށް ނެރޭ ކަމަށްވެސް އެ މީހާ ކިޔައިދިނެވެ. އެކަމާ ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.




