




.jpeg?w=3840&q=75)



ބަޖެޓަށް 23 އިސްލާހް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 59.7 ބިލިއަޔަން ރުފިޔާގެ ބެޖެޓެކެވެ.
ބަޖެޓު ދިރާސާ ކުރެއްވި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވާދެއްވީ ބަޖެޓް ދިރާސާ ކުރެއްވި ކޮމިޓީގެ ނައިބު މުޤައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް ވިދާޅުވީ މި ރިޕޯޓަށް 23 އިސްލާހު ލިބިފައިވާ ކަމަށާއި އާންމު ކޮމިޓީން ނިންމާފައިވަނީ މި މަރުހަލާގައި ކޮންމެ މެންބަރަކަށް ބަހުސް ކުރެއްވުމަށް 7 މިނިޓުގެ ވަގުތުކޮޅެއް ދިނުމަށް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން އިސްލާހުތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.
ބަޖެޓަށް ބަހުސްކުރައްވަމުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ ވަކި އަތޮޅެއް ވަކި ރަށެއް ބާކިނުވާގޮތަށް ހުށަހެޅިފައިއޮތް ބަޖެޓަކީ ކުރިމަގަށް އޮތް އުންމީދެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މި ބަޖެޓަކީ ސިއްހީ ދާއިރާއާއި އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑެތި އަދަދުތަކެއް ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށެވެ.
މިބަޖެޓްގައި އިގްތިސާދީ ސިނާއީ ކުރިއެރުމަށް 9.6 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، މަސްވެރިކަމަށް 657 މިލިއަން ކަނޑައެޅިފައިވާ ކަމަށް ވިދާޅުވެ ދަތުރުފަތުރު ފަތުރާއި އަސާސީ ހިދުމަތްތައްކަށް މިއީ ވަރަށް އުންމީދީ ބަޖެޓެއް ކަމަށްވެސް މެންބަރު މުފީދު ވިދާޅުވިއެވެ.
ބަޖެޓަށް ބަހުސް ކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މި ބަޖެޓުގައި ގޯސްކަމެއް ނުފެންނަ ކަމަށާއި، ފައިދާހުރި ގިނަ ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށެވެ. މި އަހަރަށް ވުރެ 2027 ވަނަ އަހަރު ރައްޔިތުންނަށް ކުރާ ފައިދާ މި ބަޖެޓުން އިތުރުވާނެ ކަމަށެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ މިއަހަރު އެކުލެވިފައިވަނީ ރައްޔިތުން އެދޭ ކަންކަމަށް ކަމަށެވެ. ރަށްރަށުގެ ރައްޔިތުން އެދޭ އާދައިގެ ކަންކަމުން ފެށިގެން ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން ސަރުކާރުން ބޭނުންވާ ކަމަށާއި، އެގޮތުން ހުރިހާ ރަށެއްގައި ފެށިފައިވާ މުހިންމުކަންކަން މިހާރު ހުށަހެޅިފައިވާ ޕީއެސްއައިޕީ ބަޖެޓުން ނިންމުމަށް އެމަގުން ކަންކަން ތަރުތީބު ކުރެއްވުމަށް މި ބަޖެޓުގައި އިސްކަން ދެއްވާފައިވާކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މިއީ މި އަހަރުގެ އާމްދަނީއަށްވުރެ 1.4 ބިލިޔަން ރުފިޔާގެ އިތުރު އަދަދެކެވެ.




