

.jpeg?w=3840&q=75)




އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގުމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެ ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ހުކުމްކުރުމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައެވެ.
އެ ބަޔާނުގައި ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީން ދެއްވާފައިވެއެވެ.
މީގެއިތުރުން މި މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވެ ހުށަހެޅި ހުށަހެޅުންތަކުގައި، ޤަތުލުޢާންމު ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް އޮތް ޒިންމާއަށް އަލިއަޅުވާލާފައިވާނެކަމަށާއި އެގޮތުން މިނިވަން އަދި މުސްތަޤިއްލު ޓްރައިބިއުނަލެއްގެ ކުރިމަތީގައި ކުށްވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކުރުމުގެ ވާޖިބާ ގުޅޭގޮތުން ދިވެހިރާއްޖެއިން ވަނީ ނުކުތާތައް ހުށަހަޅާފައެވެ.
އައި.ސީ.ޖޭ. ގެ ޙުކުމުގައި، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އުފުލަންޖެހޭ މުހިންމު ދެ އިލްތިޒާމަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ހުށަހެޅި ޤާނޫނީ ނުކުތާތަކަށް ކޯޓުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދައުލަތެއްގެ ސަރަޙައްދުގައި ޤަތުލުޢާންމު ހިންގައިފިކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން، އެކަން ތަޙްޤީޤުކުރަންޖެހޭނެ ކަމަށާއި، އެ ތަޙްޤީޤުތަކަކީ އަވަސް، ހަރުދަނާ، ފުރިހަމަ، މިނިވަން، މުސްތަޤިއްލު އަދި ހެޔޮ ނިޔަތުގައި ކުރިއަށްގެންދާ ތަޙްޤީޤުތަކަކަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖެއިން ހުށަހެޅި ނުކުތާތަކަށް ދަ ގެމްބިއާއިން ތާއީދުކޮށްފައިވާކަން ކޯޓުން ވަނީ ޙުކުމުގައި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ކޮންވެންޝަންގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ ދަށުން އަދަބު ދިނުމުގެ ވާޖިބު އަދާކުރުމަށްޓަކައި، މިފަދަ މައްސަލަތަކާ ގުޅިގެން ހިންގޭ ޝަރީޢަތްތަކުގައި، މިނިވަންކަމާއި މުސްތަޤިއްލުކަންފަދަ އިންސާފުވެރި ޝަރީޢަތެއްގައި ހުންނަންޖެހޭ އެންމެހައި ސިފަތައް ހުންނަންޖެހޭނެ ކަމަށާއި، ކޯޓުން ކަނޑައަޅާ އަދަބަކީ ޤަތުލުޢާންމު ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ، އަދި ކުރިމަގުގައި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށް ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުމަށްވެސް ކޯޓުގެ ޙުކުމުގައި ވަނީ ތާއީދުކުރައްވާފައެވެ.
މިޔަންމާއިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުއާންމު ހިންގާފައިވާކަމަށް ކަނޑައަޅައި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން އިއްވި ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.


.jpeg?w=3840&q=75)



