

.jpeg?w=3840&q=75)





ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރާއްޖޭގައި އެމްޑީޕީ ގެ ސަރުކާރެއް އަލުން ގާއިމުކުރުމަށްޓަކައި، އަންނަ ހުކުރު ދުވަހު ބާއްވާ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި، "ޓީމު އެމްޑީޕީ" ކާމިޔާބު ހޯދުން މުހިންމު ކަމަށް ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާދަކުރައްވާ "ޓީމު އެމްޑީޕީ" ގެ ކެންޑިޑޭޓުންނާ އެކު ހުޅުމާލޭގައި ރޭ ބޭއްވި ބައްދަލުކުރައްވުމުގައި ފައިޞަލް ވިދާޅުވީ، މިއަދު އެ ޕާޓީން ކުރާ މަސައްކަތަކީ ކުރިއެރުމާއި ކާމިޔާބު ހޯދައިގެން 2028 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް ގާއިމުކުރުން ކަމަށެވެ. އަދި ރައްޔިތުން މިއަދު ތިބި ހާލަތުން މިންޖުކޮށްދީ ގައުމު ސަލާމަތް ކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެ ނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، ގައުމީ މަޖިލީހުގެ ކެންޑިޑޭޓުންނާއި ޕާޓީގެ މެންބަރުން އެންމެ ދުވަހެއް، އެންމެ ވަގުތެއް އަދި އެންމެ މިނެޓެއް ވެސް ދޫކޮށްނުލައި ބުރަކޮށް މަސައްކަތް ކުރެއްވުމަށް ފައިޞަލް ގޮވައިލެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޤައުމު ބާރުގަދަވެ، ވިޔަފާރިތަކާއި ޒުވާނުންނަށް ފުރުޞަތުތައް ފަހިވެގެންދާނީ އެމް.ޑީ.ޕީ ވަރުގަދަވި ވަރަކަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ކެންޑިޑޭޓުން، ތިޔަބޭފުޅުން މަސައްކަތް ކުރައްވާށޭ. އެމްޑީޕީން ކަމެއް ކޮށްދޭން. އެމްޑީޕީ ވަރުގަދަވި ވަރަކަށް އަޅުގަނޑުމެން ގައުމު ބާރުގަދަ ވާނެ. އެމްޑީޕީ ވަރުގަދަވި ވަރަކަށް ދިވެހި ރާއްޖޭގެ ވިޔަފާރިތައް ވަރުގަދަ ވާނެ. އެމްޑީޕީ ވަރުގަދަވި ވަރަކަށް ދިވެހި ޒުވާނުންނަށް ފުރުޞަތު ލިބޭނެ. އެމްޑީޕީ ވަރުގަދަވި ވަރަކަށް ހެޔޮލަފާ ޖީލަކަށާއި، ޞިއްޙީ ދުޅަހެޔޮ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ތިބުމަށް އެ ޖާގަ ލިބިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވާލަން އޮތީ މަސައްކަތް ކުރައްވާށޭ، ބާކީ އޮތް ދުވަސްތަކުގައި ވަރަށް ފަރުވާތެރިކަމާއެކު. ފަރުވާތެރިކަމާއެކު ވިސްނުންތެރިކަމާއެކު ތިޔަބޭފުޅުން މަސައްކަތް ކުރައްވާށޭ. ﷲ އިރާދަކުރެއްވިއްޔާ، ހެޔޮ ގޮތުގައި ރަނގަޅު ގޮތުގައި ހެޔޮ ވިސްނުމުގައި ހެޔޮ ނިޔަތެއްގައި މަސައްކަތް ކުރާ ބަޔަކަށް، އަޅުގަނޑުމެންނަށް ކާމިޔާބު ދެއްވާނެ."
މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފައިޞަލް ވިދާޅުވީ، ރައްޔިތުންނަށް ބޭސްފަރުވާ ނުލިބުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވުމުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑު ހިތާމައެއްގައި ކަމަށެވެ. އަދި 800 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށްގެންދާ ރަސްމާލޭ މަޝްރޫޢުގެ އެއްބަސްވުމުގައި އޮތް އެއްޗެއް ރައްޔިތުންނަށް ސާފުނުވާ ކަމަށާއި، ޤައުމަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެފަދަ އެއްބަސްވުންތަކާ ޓީމު އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން ކަނޑައެޅިގެން ދެކޮޅު ހަދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުގެ މުވައްޒަފުންނާއި އެ މީހުންގެ ޢާއިލާތަކަށް މަޖުބޫރުކޮށްގެން ވަކި ޕާޓީއަކަށް ވެއްދުމަކީ ބޮޑު އަނިޔާއެއްގެ ގޮތުގައި ސިފަކުރައްވަމުން ފައިޞަލް ވިދާޅުވީ، ގަދަބާރުން ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ނުހޯދޭނެ ކަމަށެވެ. އިޙްތިރާމު ލިބޭނީ ވެރިން އަމިއްލައަށް ރައްޔިތުންނަށް އިޙްތިރާމު އަދާކޮށް، ދައުލަތުގެ މުދަލަށް އަމާނާތްތެރިވެ، އިންޞާފުވެރިކަމާއެކު ވެރިކަން ކޮށްގެން ކަމަށް ވެސް ފައިޞަލް ވިދާޅުވި އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ފައިޞަލް ވަނީ، މިއީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްކަން ހަނދާންކޮށްދެއްވައި، އިންތިޚާބަށްފަހު ވާދަވެރިންނާއެކު އަތުގުޅާލައިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ފަދަ ރޫޙެއްގައި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސް ކުރައްވާފަ އެވެ.


.jpeg?w=3840&q=75)





