








ރައީސް މުއިއްޒު
އެލްޖީއޭ ބޯޑުގެ ގޮނޑިތައް ޕީއެންސީ އަށް ލިބުމުން ދައްކައިދެނީ ސަރުކާރަށް އޮތް އިތުބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވައި ކާމިޔާބީ ހޯއްދެވި ދެ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި އެކްސްގައި ކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވީ، މި ނަތީޖާއިން ރަމްޒުކޮށްދެނީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ތާއީދުކުރާ މިންވަރު ކަމަށެވެ. އަދި ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި އެންމެހާ ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ މެންބަރުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން އިންތިޚާބުގެ ކެމްޕޭނުގައި ހަރަކާތްތެރިވި ޕާޓީގެ ލީޑަރޝިޕާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދާއިރާތަކުގެ އިސް ޒިންމާދާރު ފަރާތްތަކުން ކުރެއްވި ބުރަ މަސައްކަތްޕުޅުވެސް ފާހަގަކުރެއްވިއެވެ.
މި އިންތިޚާބުގައި އެލްޖީއޭ ބޯޑަށް ހޮވިވަޑައިގެންނެވީ ރަށު ކައުންސިލްތަކުގެ ތެރެއިން ވާދަކުރެއްވި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ވާދަކުރެއްވި ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 807 މީހުންގެ ތެރެއިން 706 މީހަކު ވަނީ ވޯޓު ދީފައެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 87.5 އިންސައްތައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުން، އެލްޖީއޭގެ ބޯޑުގައި ކައުންސިލްތައް ތަމްސީލުކުރުމަށް ތިން މަޤާމެއް ކަނޑައަޅާފައިވެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ތަމްސީލުކުރައްވާ މެންބަރެކެވެ.




